ޚަބަރު

ކޯވިޑް-19 : ވެންޓިލޭޓަރުގައި 2 މީހަކަށް ފަރުވާދޭން ފަށައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭންފަށައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ހޮސްޕިޓަލުގައި މިވަގަުތު 11 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭ 3 މީހަކާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ 8 މީހެކެވެ. މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަކުގައި ފަރުވާދޭ މީހަކާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދޭ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގައި ފަރުވާދޭން ފަށަނީ، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލަތު އިތުރަށް ގޮސްވެ ނޭވާލުމަށް ދަތިވާ މީހުންނަށެވެ. އެގޮތުން އިތުރު ބަލިތަކަށް ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހައްމަލު ކުރާ މީހުންނަކީ މި ބަލީގެ ހިރާސް ބޮޑު ބައެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ޢުމުރުން ދުވަސްވެފައިވާ މީހުންނަކީވެސް ބަލީގެ ނުރައްކާ ބޮޑު ބައެކެވެ. ރާއްޖޭގައި މިހާތަނަށް ވެންޓިލޭޓަރުގައި ފަރުވާ ދީފައިވަނީވެސް އިތުރު ބަލިތައް ތަހައްމަލުކުރަމުން އަންނަ މީހުންނެވެ.

މިހާތަނަށް 2187 މީހަކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ޢުމުރުން 80 އަހަރުން މަތީގެ 10 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.