ކޯވިޑް-19

ކޯވިޑް-19 : 18 ޖޫން - އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަސް


ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޯވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ ބަޔަކު ރިކޯޑް ކޮށްފައިވަނީ އިއްޔެކަމަށާއި، އިއްޔެ އެކަނިވެސް 150،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާކަމަަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯއިން މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ދުނިޔޭގެ އެންމެފަހުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އެޖަމްޢިއްޔާއިން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ހުކުރު ދުވަހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިޔު.އެޗް.އޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ދުނިޔޭގެ އެކި ޤައުމުތަކުން އެއްދުވަހެއްގެ ތެރޭގައި ކޯވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނައިން އެ ޖަމިއްޔާއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެކަމަށެވެ.

އެގޮތުން އިއްޔެއެކަނިވެސް 150،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، މީގެ ތެރެއިން ދެބައިކުޅަ އެއްބައި ކޭސްތައް ރިޕޯޓްކޮށްފައިވަނީ އެމެރިކާއިން ކަމަށާއި، މެދު އިރުމަތީގެ ޤައުމުތަކާއި، ދެކުނު އޭޝިއާ ސަރަޙަައްދުގެ ޤައުމުތަކުންވެސް ރިޕޯޓްކޮށްފައިވާ ޢަދަދު ނިސްބަތުން އިތުރުވެފައިވާކަން ޓެޑްރޮސް ވަނީ ފާހަގަކުރައްވާފައެވެ.

ޓެޑްރޮސް ވިދާޅުވީ، ކެތްތެރިކަން ކޮޅުންލައިގެންގޮސް ބައެއް ޤައުމުތަކުން އެކަށީގެންވާ ޕްލޭނެއްނެތި ކޯވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ސަބަބުން އާއްމުން އެއްވެ އުޅޭ އުޅުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ނުރައްކާ ދުނިޔެއަށް އޮތް މިންވަރު އެއްވެސް ވަރަކަށް ކުޑަނުވާކަމަށާއި މިކަމުގައި ފަރުވާކުޑަ ނުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ޓެޑްރޮސް ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

"ގިނަ ދުވަހު ގޭގައި ތިބެންވީމަ ފޫހިވާނެ. އަބަދު ބޯޑަރުތައް ބަންދުކޮށްފައެއްވެސް ނޫބޭއްވޭނެ. ފުރަބަންދުގައިވެސް އަބަދަކު ނޯވެވޭނެ. އެހެންނަމަވެސް މިހާރު މިތިބީ ކޯވިޑް-19ގެ އެންމެ ބިރުވެރި ފޭސްގައި. ބަލިފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުން. ބަލީގެ ނުރައްކާ އެއްވެސް ވަރަކަށް ކުޑައެއްނުވޭ" ޓެޑްރޮސް ވިދާޅުވިއެވެ.

ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރިނަމަވެސް އިޖްތިމާޢީ ގައިދުރުކަން ފަރިތަކުރުމަށާއި، ބަލިވެ އުޅޭނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށްދާނަމަ މާސްކްއެޅުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުންފަދަ އާދަތަށް ދޫނުކޮށްލުމަށް ޓެޑްރޮސްވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފައެވެ.

ކޯވިޑް-19ގެ ދުނިޔޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 8.6 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު، އޭގެ ތެރެއިން 4.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެންމެ ގިނަ ބަޔަކު މި ބަައްޔަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާގައެވެ. އެގޮތުން އެމެރިކާއިން އެކަނިވެސް 2.2 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވެއެވެ. ވަކިވަކި ޤައުމުތަކަށް ބަލާއިރު، އެންމެ ޙާލަތު ގޯސްކޮށް ފެންނަ ޤައުމުތަކުގެ ތެރޭގައި ބްރެޒިލް، ރަޝިއާ އަދި އަވަށްޓެރި އިންޑިއާވެސް ހިމެނެއެވެ.