ޚަބަރު

ކޯވިޑް-19 : އިތުރު 13 މީހަކު ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 371އަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 371 އަށް އަރައިފިއެެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރޭގެ 6:00 އިން މިރޭގެ 6:00 އާއި ހަމަޔަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް 2150 މީހުން ޕޮޒިޓިވްވެފައިވާއިރު، ފާއިތުވެދިޔަ 19 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 377 މީހުންނެވެ. މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ އެއްމިންގަޑެއްގައި ހިފެހެއްޓިފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިމަހުގެ މިހާތަނަށް 20 މީހުންނަށްވުރެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ 9 ދުވަހުއެވެ. މިމަހު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

- 1 ޖޫން 2020 ގައި 56 މީހުން
- 4 ޖޫން 2020 ގައި 22 މީހުން
- 9 ޖޫން 2020 ގައި 26 މީހުން
- 10 ޖޫން 2020 ގައި 20 މީހުން
- 12 ޖޫން 2020 ގައި 27 މީހުން
- 14 ޖޫން 2020 ގައި 22 މީހުން
- 15 ޖޫން 2020 ގައި 30 މީހުން
- 16 ޖޫން 2020 ގައި 29 މީހުން
- 17 ޖޫން 2020 ގައި 26 މީހުން

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ވަނީ ދީފައެވެ.