އައްޑޫސިޓީ ގަމަށް ސްރީލަންކަން އެއަރލައިނުން ކުރަމުން އައި ޝެޑިއުލް ދަތުރުތަށް އަލުން ފެށުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ޝްރީލަންކަން އެއަރލައިނުން ބުނެފިއެވެ.
ގަމާއި ކޮޅުނބާ ދެމެދު ކުރަމުން އައި ޝެޑިއުލް ދަތުރުތަށް ކޮވިޑް-19 އާއި ގުޅިގެން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އަންނަ މަހު އެއްވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާއި އެކު މިދަތުރުތައް ފެށޭނެ ކަމުގެ އުންމީދުގައި ގިނަ ބަޔަކު ތިބިނަމަވެސް މިކަމާ ގުޅިގެން، އޭސް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފިރާޤް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުނު ކަމުގައިވީ ނަމަވެސް ގަމާއި ކޮޅޮނބާ ދެމެދު ކުރަމުން އައި ދަތުރުތަށް އަލުން ފެށުމާމެދު އެ އެއާރލައިނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
ފިރާޤް ވިދާޅުވި ގޮތުގައި، މިދަތުރުތަށް ފެށުމަށް އެފަރާތުން އަދި ނިންމާފައި ނުވާ އެންމެ ބޮޑު ސަބަބަކީ އައްޑޫ އަތޮޅު އެކަނި ހިމެނިގެން އެކަށީގެންވާ އަދަދަކަށް ޕަސިންޖަރުން ނުލިބުމެވެ. އޭނާ ދެކޭ ގޮތުގައި މިކަމަށް ހައްލެއް އަންނާނީ އައްޑޫއާއި އާއި ހުވަދު އަތޮޅުގެ ޝެޑިއުލް އަކުން ގުޅައިލެވިގެންނެވެ. އަދި މީގެ ސަބަބުން ޤައުމީ އެއާލައިން އިން ވެސް ގަމުން ރާއްޖެއިން ބޭރަށް ދަތުރުތަށް ފެށުމަށް މަގުފަހި ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފިރާޤް ފާހަގަ ކުރެއްވިއެވެ.
ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އިންޓަނޭޝަނަލް ގިނަ ފްލައިޓުތަށް އައްޑޫ އަށް ނުޖެއްސެނީ ކައިރީގެ އަތޮޅުތަކަށް ކަނެކްޝަން ދަތުރުތަކެއް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ، ކޮވިޑް-19އިގެ ސަބަބުން ޝެޑިއުލް އޮޕަރޭޝަން ހުއްޓާލުމާއި އެކު، އޮޕަރޭޝަން އަލުން ފެށެންވާއިރަށް ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ސީޕްލޭން ޓާމިނަލުގެ ޙިދުމަތް އަލުން ފެށުމަށް މަޝްވަރާ ކުރެވުމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިމަޝްވަރާތަކުގެ ތަފްސީލެއް އޭނާ ހާމަކޮށްފައި ނުވެއެވެ.
ގަމުގެ ސީޕްލޭން ޓާމިނަލުގެ އޮޕަރޭޝަން 2016 ވަނަ އަހަރު ފަހު ކޮޅު ޓީއެމްއާއި ހަވާލުކޮށްގެން ފެށުނެވެ. ނަމަވެސް އޮޕަރޭޝަން ކުރިއަށް ނުގޮސް ގިނަ ދުވަސް ތަކެއް މިވަނީ ވެފައެވެ. މިވަގުތު ސީޕްލޭން ޓާމިނަލް ވަނީ ބޭނުން ނުކުރެވި ވާވެފައެވެ.
މިދިޔަ އަހަރު ޑިސެންބަރު މަހު މޯލްޑިވިއަން އިން ގަމާއި ހުވަދު އަތޮޅު އަދި ލ. އޮތޮޅާއި ދެމެދު ޝެޑިއުލް ދަތުރު ތަކެއް ފެށިއެވެ. އަދި މިދަތުރުތަށް އޭރު ފަށާފައިވަނީ ގެއްލުމުގައި ކަމަށް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
މިމައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ފާޑު ކިޔަމުންނެވެ. ގަމުން ކޮޅަނބަށް ހަފްތާ އަކު ތިން ދުވަހު ފްލައިޓު އޮޕަރޭޓު ކުރެއެވެ. ސްރީލަންކަންގެ ޝެޑިއުލް ދަތުރުތަށް އައްޑޫ އަށް ފަށާފައިވަނީ 2016 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ.