ޚަބަރު

ސްކޫލްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން އެމަސައްކަތް ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ މިންވަރު އޮޅުންފިލުއްވާފައެވެ. އަދި މަސައްކަތް އަވަސް ކުރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެދަށުން މިހާރު ކުރިއަށްދާ 52 ޕްރޮޖެކްޓަކާއި ހަވާލުވެފައިވާ ފަރާތްތަކާއި މިނިސްޓަރ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސްކޫލްތަކަށް ކްލާސް ރޫމްތައް އިތުރު ކުރުމާއި އައު ސްކޫލް އިމާރާތްތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން ފާހާނާ ބަރިތަކާއި މަލްޓިޕަރޕަސް ހޯލްތަކާއި ސައިންސް ލެބާއި ކޮމްޕިއުޓަރ ލެބްތައް އެޅުމަށްވެސް ދަނީ ހަވާލުކުރަމުންނެވެ.

މީގެއިތުރުން މިހާރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލާއި ދަރުމަވަންތައް ސްކޫލްގެ އައު އިމާރާތުގެ އިތުރުން ސީއެޗްއެސްސީގެ އައު އިމާރާތް ފާހަގަކޮށްލެވެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ތައުލީމާއި ގުޅޭ ވަސީލަތްތައް އިތުރުކުރުމަށްޓައި މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި 543.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެއީ ޖުމުލަ ޕީއެސްއައިޕީގެ 5.3 އިންސައްތައެވެ. މިއަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ވަނީ 4412 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.