ރިޕޯޓް

ޤައުމީ އިނާމާއި ޚާއްޞަ އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލައިފި


މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.މިއަހަރުގެ ޤައުމީ އިނާމަށާއި ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމަށްޓާކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ އިނާމާއިބެހޭ ކޮމެޓީގެ ޗެއާމަން އަބްދުއްރަޝީދު ހުސައިން ވިދާޅުވީ އެއްތިރީސް ދާއިރާއަކުން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު މި ދާއިރާތަކުން އިނާމު ދެއްވުމުގައި ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާއި ގުޅޭ ކަންކަމަށް މިއަހަރު ވަރަށްބޮޑު އިސްކަމެއްދެއްވާނެ ކަމަށެވެ.އަހަރަކު އެއްފަހަރުދޭ ޤައުމީ އިނާމުގައި ހިމެނެނީ 2 ގިންތިއެކެވެ. އެއީ ޝަރަފުވެރުކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމުގެ ގިންތިއެވެ.ޤައުމީ އިނާމާއި ހާއްސަ އިނާމު ދެއްވުމުގެ އުސޫލުތަކަށް މިއަހަރު ގެންނެވި މައިގަނޑު ބަދަލުތައްވެސް މިއަދުވަނީ މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ. ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ ދާއިރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މި އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމަށްދެވޭ އިނާމެއްކަމަށެވެ.ޤައުމީ އިނާމަށް ނަންހުށައެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށައެޅުމުގެ އެންމެފަހު މުއްދަތަކީ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހެވެ.ޤައުމީ އިނާމާއި ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.