ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ފައްޓަވައިދެއްވީ ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. މިކަމަށްޓަކައި އެކި ފިޔަވަތިތަކަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވަނީ މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.
މަގު ހެދުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދަފުޅުދައްކަވަމުން ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މާލެ ތޮއްޖެހުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ޒަމާނީ ފެންވަރަށް މާލޭގެ މަގުތައް ތަރައްޤީވެގެން ދިއުމާއެކު މާލެ ސިޓީ ވެގެންދާނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިމަސައްކަތް ކުރުމުގައި ރައްޔިތުންނަށް އެންމެ ދަތިތައް ކުޑަވާނެގޮތަކަށް މަސައްކަތް ރާވާލާފައިވާނީ. އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް، މިމަސައްކަތް ކުރުމަށް މިހޭދަވާ މުއްދަތުގެ ތެރޭގައި ޢާންމުންގެ ފަރާތުން ސަރުކާރަށާއި އަދި ކޮންޓްރެކްޓަރަށް އެއްބާރުލުން ދެއްވުމަކީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތައް ތަރައްޤީކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބައި ނިމިފައިވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ރަސްފަންނު ތަރައްޤީކުރަން ވަރަށް އަވަހަށް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ވަރަށް އަވަހަށް ޖުމްހޫރީ މައިދާން ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ބޮޑު ތަކުރުފާނުމަގު ތަރައްޤިކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ.
އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް
ޤާއިމުކުރަން ވަނީ ހަމަޖެހިފައެވެ. ޑްރޭއިނޭޖް ސަރވިސް ލައިން އެޅުމާއ،ި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް، 1 އަހަރާއި 3 މަސް ތެރޭގައި ނިންމާގޮތަށެވެ.