ޚަބަރު

ޓެލިކިލާސް ކުރިއަށްގެންދެވޭނީ މުދައްރިސުން އަހުލުވެރިކޮށްގެން


ދިގު މުއްދަތެއްގައި ޓެލިކްލާސް ކުރިއަށްގެންދެވޭނީ މުދައްރިސުން އިންޓަނެޓަށް އަހުލުވެރިކުރުމަށް ގިނަ ތަމްރީންތައް ހިންގައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ، ރާއްޖޭގައި މިހާރު އޮތް އައު އާންމު ހާލަތުގައި ސްކޫލްތައް ހުޅުވުމަށް އިފްތިތާހްކުރި އެޑިޔުކޭޝަން ރެސްޕޮންސް ޕްލޭން (އީ.އާރު.ޕީ)ގައެވެ.

އެޑިޔުކޭޝަން ރެސްޕޯންސް ޕްލޭންގައި ކޯވިޑް-19ގެ ސަބަބުން ސްކޫލްތަކާއި ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވާނެ ދަތިތަކާއި އުނދަގޫތައް ތަފްސީލުކޮށްދީފައިވެއެވެ. އެގޮތުން ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި އިންޓަނެޓް ފަދަ ވަސީލަތްތައް ލިބުން ފަސޭހަ ޤައުމެއްކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް އިންޓަނެޓް މެދުވެރިކޮށްވެސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މާރޗް މަހު ހަދާފައިވާ ދިރާސާއަކުން ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 31 އިންސައްތަ ކުދިންނަށް ރަނގަޅު އިންޓަނެޓް ކަނެކްޝަން ނުލިބުމުގެ މައްސަލަކުރިމަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށް ޓެލި ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ އާއި އެހެނިހެން ދިވެހި ޗެނަލްތަކުން ރިކޯޑްކޮށްގެންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19ގެ ހާލަތާއެކު ޓެލިކިލާސް އަދި ގޫގްލް ކްލާސް ރޫމް ފަދަ ވަސީލަތްތައް ބޭނުންކުރަން ފެށުމުން ބައެއް ޓީޗަރުންނަށް މިފަދަ ވަސީލަތްތައް އެންމެ އެކަށޭނަ ގޮތެއްގައި ބޭނުންކުރުމަށް ދަތިވެފައިވާކަން މި ޕްލޭންގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި އައު ޕްލެޓްފޯމްތަކަށް ޓީޗަރުންނާއި ދަރިވަރުން އަހުލުވެރިވެފައި ނެތުމުން ދަތިތަކާއި ކުރިމަތިވެ އެންމެ އެކަށޭނަގޮތުގައި ފިލާވަޅުތައް ނަގައި ނުގަނެވުމުގެ ޝަކުވާ ބެލެނިވެރިންވަނީ ކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށް ޓީޗަރުންގެ ކެޕޭސިޓީ އިތުކުރުމަށްވެސްވަނީ ނިންމާފައެވެ. އެގޮތުން ދިގު މުއްދަތެއްގައި ޓެލިކްލާސް އަދި ގޫގްލް ކްލާސްރޫމް ފަދަ ވަސީލަތްތައް ބޭނުންކުރެވޭނީ މުދައްރިސުން އިންޓަނެޓަށް އަހުލުވެރިކުރުމަށް ގިނަ ތަމްރީންތައް ހިންގައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ޔުނިސެފް މޯލްޑިވްސްއާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީންތަކުން މިއަހަރު އެކަނިވެސް ދެ ހާހަށްވުރެ ގިނަ :"ގޫގްލް ސެޓިފައިޑް އެޑިއުކޭޓަރސް" ތަމްރީން ކުރެވޭއިރު، މި އަދަދުންވެސް އެންމެ އެކަށޭނަ ގޮތެއްގައި މި ކްލާސްތައް ނުހިންގޭނެކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ސްކޫލަތައް ހުޅުވުނުނަމަވެސް ޓެލިކިލާސްތައް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެހެން ނަމަވެސް ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަން ފެށުމުން ޓެލި ކިލާސްތައް ކުރިއަށް ގެންދާ މިންވަރު މަދުވާނެކަމަށާއި ވީހާވެސް ބޮޑަށް މުދައްރިސުންނަށް ފަސޭހަވާނެގޮތަށް ކިލާސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ގޭގައި ތިބެގެން މި ކިލާސްތައް ނަގައި ދިނުމަށް ޓީޗަރުންނަށް މަހެއްގެ މައްޗަށް 5 ޖީބީގެ ޑޭޓާ ދިޔައީ ދެމުންންވެ. އެހެންނަމަވެސް މިހާރު މިއަދަދު ވަނީ 10 ޖީބީއަށް އިތުރުކޮށްފައެވެ.