ވިޔަފާރި

ޖޫރިމަނާއަކާ ނުލާ ކުންފުނިތަކުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި


ޖޫރިމަނާއަކާ ނުލާ ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ވާގޮތުން ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ 2020 ވަނަ އަހަރުގެ އަހަރީ ފީ، ޖޫރިމަނާއަކާ ނުލައި 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ބަލައިގަތުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާ ދީފައެވެ.

ކުންފުނިތަކުގެ އަހަރީ ފީ ދައްކަން ޖެހޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުންވެސް އަހަރީ ފީ، ކޮންމެ އަހަރެއްގެ މާރޗް މަސް ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުންފުނިތަކާއި އާންމު ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ދަނީ މިފަދަ ލުއިތައް ހަމަޖައްސައި ދެމުންނެވެ.

ޤާނޫނުގައި ވާގޮތުގެ މަތިން ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/2،000 ރުފިޔާ ކަމަށާއި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީ އަކީ -/10،000 ރުފިޔާ ކަމަށް އިސްވެދެންނެވުނު މާއްދާގައި ބަޔާންކުރެއެވެ. އަދި މާރޗް މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލް މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/1،000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށާއި، އޭޕްރިލް މަހުގެ ނިޔަލަސް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ -/2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ބަޔާންކުރެއެވެ. ނަމަވެސް މިއަހަރުގެ އަހަރީ ފީ ނުދެއްކޭ ފަރާތްތަކަށް 31 ޑިސެންބަރުގެ ނިޔަލަށް ޖޫރިމަނާއާއި ނުލާ ފީދެއްކުމަށް މިވަނީ މަގުފަހި ކޮށްދީފައެވެ.