ޚަބަރު

ޖުލައިމަހުގެ 1 ވަނަ ދުވަހުންފެށިގެން ސްކޫލްތައް ހުޅުވަން ނިންމައިފި


ޖުލައި މަހުގެ 1ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޗަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ. ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަަ ކިޔަވައިދޭން ފަށާނީ ކީސްޓޭޖު 4 އާއި 5 ކަމަށެވެ. އެއީ ގްރޭޑް 9، 10، 11 އަދި 12 އެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ޙާޒިރުވާނީ އެއް ސެޝަނަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލްތައް ހުޅުވާލާއިރު އެންމެ އިސްކަމެއް ދެއްވާނީ ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ދަރިވަރުންނަށް އުގަންނައިދިނުން ކުރިއަށް ގެންދިއުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުިވުމަކީވަރަށް މުހިންމު ކަމެއްކަމަށާއި، މަރްޗ މަހުން ފެށިގެން ކުދިން ސްކޫލްތަކަށް ނުދާތާ ތިންމަސްވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސްކޫލް ދަރިވަރުން ވަރަށްގިނަ ކަންކަމުން މަޙްރޫމްވެފައިވާކަމަށާއި، ސްކޫލަކީ ކުދިންގެ ދިރިއުޅުމާއި އުނގެނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސްކޫލަކީ ކުދިންހަމައެކަނި ކިޔަވަން އަންނަ ތަނެއްނޫން. ސްކޫލަކީ އެއީ ކުދިން އިޖްތިމާއީ ގުޅުންތަކާ އެކުދިން ރައްޓެހިންނައި ބައްދަލުވެ ބައިވަރު ކަންކަން ސްކޫލުން އެކުދިންނަށް އެބަ ފުރިހަމަވޭ. އަދި ބައެއް ކުދިންނަށް ސްކޫލް އެއީ އެކުއްޖަކަށް ލިބޭ ހަމައެކަނި ސޭފް ޕްލޭސްއަށް އެބަވޭ. އެހެންވީމަ ސްކޫލް ހުޅުވުން އެއީ ވަރަށް މުހިންމު ކަމެއް." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކިޔެވުން މެދުކަނޑާލާފައިވާތީ ކުދިންގެ ކިޔެވުމަށް ހީނަރުކަމެއް އައިސްފައި ވާކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ 3 މަސްދުވަހުގެތެރޭގައި ކުދިންގެ ކިޔެވުން ހުއްޓަނުލައި ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާކަމށެވެ. އެގޮތުން ދަތި ޙާލަތުގައިވެސް ކިޔަވައިދެވެން އޮތްގޮތަކަށް ކިޔަވައިދެމުން ގޮސްފައިވާކަމަށާ، ޓެލިކިލާސް މެދުވެރިކޮށާއި ގޫގްލް ކްލާސްރޫމް މެދުވެރިކޮށް ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދެމުން އައިސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްކޫލް ހުޅުވާލުމަށް ތައްޔާރުވާންވީ ގޮތާއި ސްކޫލްތަކުން އަމަލުކުރާނެ ގައިޑްލައިނެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް ފޮނުއްވާފައެވެ. އެ ގައިޑްލައިންގައި ވަރަށް ފުރިހަމައަށް ސްކޫލްތަކުން ޢަމަލުކުރަންވީގޮތް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަލީގެ އެއްވެސް އަލާމަތެއް ހުރި ދަރިވަރަކުވިޔަސް އަދި މުވައްޒަފަކު ވިޔަސް ސްކޫލަށް ނުދިއުމަށް އެޑިއުކެޝަން މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އެޑިއުކޭޝަން ދާއިރާގެ ކޮވިޑް ރެސްޕޮންސް ޕްލޭން އެކުލަވާލާފައިވާލާ ނިމިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްލޭން 5 ބަޔަކަށް ބަހާލާފައިވާކަމަށާ، އޭގެ ތެރޭގައި ހިމެނެނީ ސްކޫލްތައް ރައްކާތެރިކަމާއެކު ހިންގުމައި، ކިޔަވައިދިނުމާއި އުނގެނުން މެދުނުކެނޑި ކުރިއަށް ގެންދިއުމާއި، އެހީތެރިކަމަށް ބޭނުންވާ ކުދިން ނެގަނެ އެހީތެރިވުމާއި، ބަލިން ރައްކާތެރިވުމާއި ދިފާއީ ނިޒާމް ވަރުގަދަކުރުމާއި، މިހާލަތުގައި ސްކޫލް ހިންގުމާއި ކޯޑިނޭޓްކުރުންކަމަށެވެ.

މިނިސްޓަރ ވަނީ ސްކޫލްތައް ހުޅުވުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން ފުރިހަމަކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވީޑް ބަލި ތަހައްމަލުކުރަމުންދާ ކުދިންނާއި މުވައްޒަފުންނަށް ދެނެގަނެ ފިލާވަޅުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ކަނޑައެޅުމާއި، ސިއްޙީ ގޮތުން ހިރާސް ބޮޑު، ކުދިން ދެނެގަނެ މަޢުލޫމަތު އެއްކޮށްފައިވާކަަމަށާ، އެކުދިންނަށް ކިޔެވުން ކުރިއަށް ގެންދާނެގޮތް ސްކޫލްތަކަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސާފްތާހިރުކަމަށްވެސް ވަރަށް އިސްކަންދެއްވާކަމަށް ވިދާޅުވެ މިނިސްޓަރވަނީ، ސްކޫލްތައް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަން ފާހަގަކުރައްވާފައެވެ. ސްކޫލްތައް ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ވަސީލްތައް ސްކޫލްތަކަށް ފޯރުކޮށްދެމުން އަންނަކަމަށާއި، އަތް ދޮންނަންވީ ގޮތުގެ މަޢުލޫމާތު ދަރިވަރުންނާއި މުވައްޒަފުންނަށް ދީ ތަމްރީން ތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަދި ސްކޫލް ޑިސްއިންފެކްޓް ކުރާނެގޮތްވެސް ތަމްރީން ކުރާނެކަމަށްވެ.

ގިނަ ދުވަސްތަކަށްފަހު ސްކޫލްތަކަށް ކުދިން ދާއިރު ނަފްސާނީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާކަމެއްކަަށާއި، އެކަމަށް ޓީޗަރުން ތަމްރީން ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.. އެގޮތުން އެގާރަ ހާސް ޓީޗަރުން ތަމްރީން ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުދިން ސްކޫލަށް އައުމުން ހުން ބެލުމަށް ތަމޯމީޓަރު ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާ، ޖުލައި 1 ސްކޫލް ހުޅުވިގެންދާއިރު އެ ތަކެތި ސްކޫލްތަކުގައި ހަމަޔަށް ހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލް މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަަށް ކަށަވަރުކޔުރާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކު ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުކަމަށެވެ. ގައިދުރުކަން ކަށަވަރުކުރުމަށް ވީހާވެސް ގިނަ ގޭޓުން ކުދިން ސްކޫލްތެރެއަށް ވެއްދުމާއި، ކްލާސް ރޫމްތަކުގެ ސައިޒް ކުޑަކޮށް 30 ނުވަތަ 32 ކުދިން ތިބޭ ކްލާހެއްގައި އެއްވަގުތެއްގައި ތިބޭނީ 16 ކުދިންކަމަށް ހަމަޖެއްސުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މާސް އެޅުމުން ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް. ދެވައްތަރެއްގެ މާސްކު ދަރިވަރުންނަށް އެޅިދާނެ. އެއީ މެޑިކަލް މާސްކު އަދި ފޮތި މާސްކު. އަޅުގަނޑުމެން ބޮޑަށް އެދެނީ ދަރިވަރުން ފޮތި މާސްކު އަޅައިގެން އަންނަން. ޚަރަދު ކުޑަކުރުމާ އަދި ގިނަ ވަގުތު ކުދިން ތިބެޖެހޭނެތީ، ފޮތި މާސްކަށް ބޮޑަށް ބުރަވަނީމި. ފޮތި މާސްކު ހެދުމަށް ބޭނުންވާ ފޮތި ހުންނަަންވާނީ ރޮދި ކައިރިކޮށް ވިޔެފަ ހުންނަ ފޮއްޗަކަށް. އަދި ފަސޭހައިން ކުދިންނަށް ނޭވާ ލެވޭނެގޮތަށް ހުންނަ ފޮއްޗަކަށް. އަދި މި މާސްކު މީ ތިން ލޭޔާއަކަށް ހުންނަ މާސްކަކަށް ވާންއެބަޖެހޭ. މާސްކު ހަދާފައި ހުންނަވާނީ އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނެގޮތަށް ބާރުވެގެން ނުވަތަ ދޫވެގެން ދަރިވަރުން އަބަދު އަތްލާގޮތަށް މާސްކު ހުރެގެން ނުވާނެ. މާސްކަކީ ޔުނިފޯމްގެ ބައެއްކަމަށް އަޅުގަނޑުމެން މިދެކެނީ ކުރިއަށް އޮތް މަހު. " އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްތަރ ވިދާޅުވީ، ދަރިވަރުންނާއި މުވައްޒަފުން ބަލިވެ ސްކޫލަށް ހާޒިރު ނުވާނަމަ ޢަމަލުކުރާނެ ގޮތް ކަނޑައަޅަފައިވާކަމަށެވެ. މިނިސްޓަރ ވަނީ ކުރިން ސްކޫލްތަކުން ފޯރުކޯށްދޭ ނާސްތާ ޕްރޮގްރާމް މިވަގުތަށް މެދުކަނޑާލާފައިވާކަން ފާހަގަކުރައްވައި ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު ނާސްތާ ނުވަތަ ރަނގަޅަށް ކާންދިނުމަށްފަހު ސްކޫލަށް ފޮނުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކުވެސް ގެއިން ފެން ގެންދިއުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.