ޚަބަރު

ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަރުމައަށް މަސައްކަތްކުރާ އެއް ޖަމްޢިއްޔާ ކަމަށްވާ، ދިވެހި ރެޑްކްރެސެންޓުގައި މަސައްކަތްކުރާ ދަރުމަވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެކަން ދިވެހި ރެޑްކްރެސެންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެޖަމްޢިއްޔާއިން ބުނީ އެ ޖަމްޢިއްޔާގެ އެއް ދަރުމަވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީސްއަށް ގެންގޮސްފައިވާކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. ދަރުމަވެރިއަކު ޕޮޒިޓިވްވުމާއި ގުލިގެން އިތުރު ހަ މީހަކު ކަރަންޓީންކޮށްފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ދިވެހި ރެޑްކްރެސެންޓްގެ މާލޭ ބްރާންޗް މައިގްރޭންޓް ސަޕޯޓް ސެންޓަރުގައި މަސައްކަތްކުރާ ދަރުމަވެރިއެކެވެ.

ކޯވިޑް-19އަށް ދިވެހި ރެޑްކްރެސެންޓްގެ ދަރުމަވެރިއެއް ޕޮޒިޓިވްވީއިރު، އެ ޖަމްޢިއްޔާއިން އަންނަނީ ކޯވިޑް-19އާއި ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރަމުންނެވެ. އެގޮތުން ކޯވިޑަށް ޓެސްޓްކުރުމަށް މީހުންގެ ސާމްޕަލް ނެގުމާއި، ޚާއްޞަކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ވަރަށް މުހިންމު ދައުރެއް އެ ޖަމްޢިއްޔާއިން އަންނަނީ އަދާކުރަމުންނެވެ.

މާލެ ލޮކްޑައުންއަށް ދިއުމާއިއެކު އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާންޖެހުނު ބިދޭސީންގެ މަޢުލޫމާތު އެއްކުރުމާއި، ބިދޭސީންނަށް ބޭނުންވާ އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސައިދިނުމުގައިވެސް ދިވެހި ރެޑްކުރެސެންޓުގެ ދައުރު ވަރަށް ބޮޑެވެ.