ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް


ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ދެކުނުގެ އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ. ހެނދުނު 09:00 ފެށިގެން މެންދުރު 12:00 ޖެހުމާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ލ އަތޮޅުން އައްޑޫ ސިޓީއާ ދެމުދުގެ ރަށްތަކަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި 18 މޭލަށް ވައިޖެހޭނެކަމަށާއި ވިިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި މި ވަގުތުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.