ތަރައްްޤީ

ތިނަދޫ އައިސްޕްލާންޓްހުރި ސަރަޙައްދުގެ ޖެޓީގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމަނީ


ގދ. ތިނަދޫ އައިސްޕްލާންޓްހުރި ސަރަޙައްދުގެ ޖެޓީ ހެދުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިފްކޯއިން ހިންގަމުންދާ އައިސްޕްލާންޓު ހިމެނޭ ސަރަޙައްދުގެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 31 ޖުލައި 2019 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، މި މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މިދިޔަ އޭޕްރީލްމަހުން ފެށިގެން ކުރިއަށްދާކަމަށެވެ. އަދި މަޝްރޫޢަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ނިމުމަކާއި ގާތްވެފައިވާއިރު، އައިސް ޕްލާންޓް ހިމެނޭ ސަރަޙައްދާއި ޖެޓީއާއި އިންވެގެން ހަދާ މަގުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 74 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިމަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން 9245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާ، 130 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ، 620 ސްކޮއަރ މީޓަރުގެ ޕޭވްމަންޓު ހެދުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި 9 ލައިޓް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައިފައެވެ.

ގދ. ތިނަދޫ އައިސްޕްލާންޓްހުރި ސަރަޙައްދުގެ ޖެޓީ ހެދުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 17.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ތިނަދޫ އައިސްޕްލާންޓްގެ ޚިދުމަތް ހޯދުމަށް މަސްވެރިންނަށް މިހާރަށްވުރެ ފަސޭހަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.