ރާއްޖެއިން ކޯވިޑް19 ޕޮޒޓިވްވި ކުޑަކުދިންގެ ތެރެއިން 90 ކުދިން ބަލިން ރަނގަޅުވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި 20 އަހަރުން ދަށުގެ 163 މީހުންނާއި ކުދިން މިހާތަނަށް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
ކޯވިޑް 19 ބަލީގެ ކޭސްތަކާއި ގުޅޭ މަޢުލޫމާތުތަށް އެޗްޕީއޭއިންދަނީ ކޮންމެ ދުވަހަކުވެސް ހާމަކުރަމުންނެވެ. ކޯވިޑް 19 ޑޭޝްބޯޑުގައި ވަކިވަކި ދާއިރާތަކާއިގުޅޭ މަޢުލޫމާތު ހިމަނަމުން އަންނައިރު، ބަލި ޖެހޭ ޖިންސާއި އުމުރުފުރައާއި ގުޅޭ މަޢުލޫމާތުވެސް އަންނަންނީ ހިމަނަމުންނެވެ. ރާއްޖެއިން ކޯވިޑް 19ޖެހުނު މީހުންގެ އަދަދު ދެހާހާއި ގާތްކުރާއިރު، ބަލި ޖެހުނު މީހުންގެ 8 އިންސައްތައަކީ އުމުރުން 20 އަހަރުން ދަށުގެ ކުދިންނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ދިހައަހަރުން ދަށުގެ 26 އަންހެންކުދިންނާއި 37 ފިރިހެންކުދިންނަށް ކޯވިޑް-19ވަނީ ޖެހިފައިވެއެވެ. އަދި 11 އަހަރާއި 20 އަހަރާއި ދެމެދުގެ 39 އަންހެންކުދިންނާއި 61 ފިރިހެންކުދިންނަށް ވަނީ ކޯވިޑް 19 ޖެހިގައެވެ.
ރާއްޖެއިން ކޯވިޑް19 ޖެހުނު މީހުންގެ 8 އިންސައްތައަކީ 20 އަހަރުން ދަށުގެ އުމުރުފުރާގެ މީހުންނާއި ކުޑަކުދިންނެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ތުއްތު ކުއްޖަކަށް ކޯވިޑް 19 ޖެހިފައިވަނީ އޭޕްރިލް 15ވަނަ ދުވަހުއެވެ. މި ކޭސް ހިމެނެނީ މާލެއިން ފެނުނު ފެނުނު 2 ކޭސްގެ ތެރޭގައެވެ. މ.ޖަރީމާގެއިން އެދުވަހު ޕޮސިޓިވްވި 2 މީހުންގެ ތެރޭގައި އުމުރުން 2 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ. މި ކުއްޖާ މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް 19 ބަލި ޖެހުނު 20 އަހަރުން ދަށުގެ މީހުންނާއި ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި ކޯވިޑް19 ޖެހުނު 18އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90ކުދިންވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ 54ފިރިހެންކުދިންނާއި، 36 އަންހެން ކުދިންނެވެ. އިންސައްތައިން ބަލާނަމަ 20އަހަރުން ދަށުގެ 55 އިންސައްތަ އަށްވުރެ ގިނަ ކުދިން ވަނީ ބަލިން ރަންގަޅުވެފައެވެ.
ރަނގަޅުވި ކުދިންގެ ތެރޭ 1 އަހަރުގެ ކުއްޖަކާއި، 2 އަހަރުގެ 5 ކުދިންނާއި، 4 އަހަރުގެ 6 ކުދިންވެސް ހިމެނެއެެވެ.
18އަހަރުން ދަށުގެ ކުދިންގެ ތެރެއިން ބަލިން ރަނގަޅުވި ކުދިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ އުމުރުން 8 އަހަރުގެ ކުދިންނެވެ. އެއީ 5 އަންހެން ކުދިންނާއި 4 ފިރިހެން ކުދިންނެވެ.
4 އަހަރާއި، 12 އަހަރާއި 14 އަހަރުން ކޮންމެ އުރުފުރައަކުން 6 ކުދިންވަނީ ބަލިން ރަނގަޅުވެފައެވެ.
ދިވެހިރާއްޖެއިން ކޯވިޑް 19 ޖެހުނު ކުޑަކުދިންގެ ތެރެއިން އެންމެ ތުއްތުކުއްޖަކަށް ބަލި ޖެހިފައި ވަނީ 11 ދުވަހުގެ ކުއްޖަކަށެވެ. މިކުއްޖާ ބައްޔަށް ޕޮސިޓިވްވިކަން ކަށަވަރުކޮށްފައި ވަނީ މިދިޔަ މޭމަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖެއިން ބަލި ޖެހި ރަނގަޅުވި ކުދިންގެތެރޭގައި އެއް ކުއްޖަކު ފިޔަވައި ދެންތިބި ހުރިހާ ކުދިންނަކީވެސް ދިވެހިންނެވެ. ބަލިން ރަނގަޅުވި ކުދިންގެތެރޭގައި ރާއްޖެއިން ބަލިޖެހުނު ސްރީލަންކައަށް ނިސްބަތްވާ 4 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ.