ޚަބަރު

ކުޅުދުށްފުށި ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ފަށަފައިއެވެ.
އުތުރުގެ މައި ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިިދިޔަ އަހަރުގެ ނޮވެމްބަރ 14 ގައި މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މޭމަހުގެ 17 ވަނަދުވަހުއެވެ. މި މަޝްރޫއުގެ އަގަކީ 30 މިލިއަން ރުފިޔާއެވެ.

ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލަށް 30 އެނދުގެ ވޯޑެއް އިތުރުކުރާނެއެވެ. ދެ ބުރިއަށް އަޅާ މި ވޯޑްގެ އިތުރުން ހޮސްޕިޓަލްގެ އޯޕީޑީ ސަރަހައްދު މަރާމާތުކުރުމާއި، ލެބޯޓްރީ އަޕްގްރޭޑް ކުރުން ހިމެނެއެވެ. އަދި ހޮސްޕިޓަލްގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކް ވޭ އަކުން ގުޅާލުންވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މިވޯޑް އިމާރާތުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބި ފެންވަރު ރަގަޅު ހިދުމަތްތަކެއް ދެވޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާ އެމަސައްކަތް ކުރަމުންގެންދާ ހޮސްޕިޓަލެކެވެ. އަދި މިއީ މާލޭން އުތުރުން އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.