ޓުއަރިޒަމް

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފޭސްބުކް ލައިވް މެދުވެރިކޮށް ބޭއްވި "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" އިވެންޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

މިއިވެންޓަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.

ކޯވިޑް-19 އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ގުދުރަތީ ރީތިކަން ވާޗުއަލް ދުނިޔެއަށް ދައްކާލުމަށްޓަކައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ބޭއްވި އިވެންޓް "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" ކުރިޔަށް ގެންދިޔައީ ފޭސްބުކް ލައިވް މެދުވެރިކޮށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބް މުހައްމަދު ވިދާޅުވީ ފަތުރުވެރިންގެ ފަރާތުން މިއިވެންޓަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އަދި އިވެންޓުގެ ތެރެއިން ފަތުރުވެރިން ރާއްޖެއަށް އަންނައިރު ބޭނުންވާ ކަންތައްތައް އޮޅުން ފިލުވުމަށް ހާއްސަ ޕޯލްތަކެއްވެސް ނެގިކަމަށެވެ.

"މިއިވެންޓް 85 ހާހަށްވުރެ ގިނަ މީހުން ބަލާފައިވޭ، މުޅި ދުނިޔެއަށް ބަލާއިރު. ދެން 1.2 މިލިއަންގެ ރީޗަކަށް އަޅުގަނޑުމެން މިބަލަނީ، އިވެންޓް އެންގޭޖްމަންޓަށް ބަލާއިރު. އެތައްހާސް ކޮމެންޓް ހުރި. ހާއްސަކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ކޮމެންޓްސްއަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ކޮނެންޓްތައް ހުރީ ވަރަށް ޕޮޒިޓިވްކޮސް. ރާއްޖެ އަންނަން ބޭނުންވާކަމަށް އެފަރާތްތަކުން ކޮމެންޓުކުރި. ދެން އަޅުގަނޑުމެން އިވެންޓް ތެރެއިން ނެގިން ޕޯލްތައް. އޭގެތެރެއިން މުހިންމު ކަންތައްތަކެއް ފާހަގަވި. ކޮން ކަންތައްތަކެއްތޯ ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު ބޭނުމީ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ޓާގެޓް އޯޑިއަންސްއަށް މިއިވެންޓް ވަރަށް ކާމިޔާބު ދިޔަލެއް" ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ މިއިވެންޓުގައި އިންޑަސްޓްރީގެ އެކި ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުގެ ވީޑިއޯ ހިމެނުމަށް އެފަރާތްތަކަށް ހުޅުވާލުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. މިގޮތުން 250 ކްލިޕް މި އިވެންޓުގައި ހިމެނުމަށް އެކި ފަރާތްތަކުން ފޮނުވިކަމަށް ތައްޔިބް ވިދާޅުވިއެވެ.

މިއިވެންޓު ހިންގުމުގައި މޮންދު ޕްރޮޑަކްޝަން، އޯކާ މީޑިއާ އަދި ޕީއެސްއެމްއިން ބައިވެރިވެފައިވާއިރު، ޕީއެސްއެމްގެ ޑީއެމްޑީ މުހައްމަދު ޝަމީމް ވިދާޅުވީ މިކަމުގައި ޕީއެސްއެމްއިން ދެވެންއޮތް ހުރިހާ އެއްބާރުލުމެއް ދިނީ މިއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"މިއީ ޤައުމީ ވަރަށްބޮޑު ކަމެއް. މިގައި ޤައުމުގެ އިޤްތިސާދާއި ގުޅިފައިވާ ކަމެއްކަމަށްވާތީ އަޅުގަނޑުމެންނަށް ފެނުނީ މިއީ ކޮންމެހެން ބައިވެރިވާންޖެހޭ އިވެންޓެއްކަމަށް. އެހެންވެ ޕީއެސްއެމްއިން މީގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނިން." ޝަމީމް ވިދާޅުވިއެވެ.

މި ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއަށް ހެޔޮއެދޭ ފަރާތްތަކުން ދިވެހިރާއްޖެއަށް އޮތް ލޯބި ދައްކުވައިދިނުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކުން ބައިވެރިވެ، ރާއްޖެއާ ގުޅޭ އުންމީދުން ފުރިގެންވާ މެސެޖުތައް ގެނެސްދިނުމުގެ އިތުރުން އަލުން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މުޅި ރާއްޖެ ވަމުން އަންނަ ތައްޔާރީތައްވެސް ހާމަކުރެވިގެންދިޔައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ އެދޭ ފަރާތްތަކުގެ ވީޑިއޯއާއިއެކު ކުރިޔަށް ދިޔަ މިލައިވްގައި ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ފަތުރުވެރިކަމުގެ ދާއިރާގެ އިސް އޮފިޝަލުންނާއި، ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި މޭސްތިރިންގެ މެސެޖްތައް ވަނީ ގެނެސްފައެވެ.

މި އިވެންޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ރާއްޖޭގެ މިއުޒީޝަނުންނާއި އާޓިސްޓުން އަދި އެކި ކަހަލަ ތަކެތި އުފައްދާ ފަރާތްތަކުގެ ވީޑިއޯތައްވެސް ވަނީ ގެނެސްދީފައެވެ.