ޚަބަރު

ދުނިޔޭން ނެތިދިޔުމުގެ ބިރުހީވެފައިވާ 80 ބާވަތެއްގެ ކަނޑުގެ ދިރުން ރާއްޖޭގެ ކަނޑުތަކުގައިވޭ


ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ 80 ބާވަތްތަކެއްގެ ކަނޑުގެ ދިރުން ރާއްޖޭގެ ކަނޑުތަކުގައިވާ ރާއްޖޭގެ ކަނޑުތަކާ ގުޅޭގޮތުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިކަން ދެނެގަނެވިފައިވަނީ ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާއެކު ރާއްޖޭގެ މެރިންރިސަރޗް އިންސްޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް މެރިން ރިސޯސަސްއިން ކުރިއަށްގެންދިޔަ ދިރާސާއެއްގައެވެ.

ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު މިފަދަ ދިރުންތަކާއި މެދު ވިސްނައި އަދި ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތައް އާލާކުރުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ. މެރިން ރިސާޗު ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާފިޔާ ނަޢީމް ވިދާޅުވީ މަސްވެރިކަމުގައި ބޭނޭ ބާވަތްތަކުގެ އިތުރުން ގުދުރަތީގޮތުން އަންނަ ބަދަލުތަކާއި ގުޅިގެންވެސް ބައެއް މުހިއްމު ބާވަތްތައް ނެތިދިޔުމުގެ ބިރަށް ހުށައެޅޭކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބާވަތްތަކުގެ ތެރެއިން ދުނިޔެއިން ނެތިދިޔުމުގެ ބިރު އޮތް 80 ބާވަތެއްގެ މަސް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ރާއްޖޭގައި ބާނާ ބައެއް މަހުގެ ބާވަތްތަކާއި ހުއިފިލަނޑާގެ ބާވަތްތައް ހިމެނޭކަމަށް ޝާފިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިކަމުގައި ރާއްޖޭގައި ބާނާ މަހުގެ ބާވަތްތަކަށްބަލާއިރު މިގޮތަށް ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތައް ސަލާމަތްކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮންމެހެން މިވަގުތު ކުރަންޖެހޭ ކަމަށެވެ. އެހެންނޫން ނަމަ މިބާވަތުގެ އާބާދީއަށް އަންނަ ބަދަލާއެކު ކަނޑުތަކުގެ މާހައުލުގެ ނިޒާމަށް ބަދަލުއައިސް އޭގެ އަސަރު އިންސާނުނަށްވެސް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން ގާހަކައިގެ މަސްވެރިކަން ހީނަރުވެގެންދިޔުމުގެ ސަބަބުން ސަރުކާރުން އެޅުއްވި ފިޔަވަޅުތައް ޝާދިޔާ ފާހަގަކުރެއްވިއެވެ.

ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ރާއްޖޭގައި ވިޔަފާރިކުރުމަށް ނަގާ މުހިއްމު 2 ބާވަތެއްގެ ހުއިފިލަނޑާއާއި ފަރުތަކުގައި ހެދޭ މުރަކައިގެ ބާވަތްތަކުގެ ތެރެއިންވެސް ބައެއް ބާވަތްތައް ނެތިހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަން ވަނީ ހާމަވެފައެވެ. އެގޮތުން މީގެކުރިން ދިޔަވަރު ހިކި ގަޑިތަކުގައި ތިލަ ފަޅުތަކުން ނަގާ ހުއިފިލަނޑާގެ ބާވަތްތައް މިހާރު ފެންނަނީ ކަނޑުގެ ފުން ހިސާބުތަކުންކަމުގައި މެރިންރިސަރޗް ސެންޓަރުން ވިދާޅުވެއެވެ. އެގޮތުން މިހާރު މިބާވަތުގެ ހުއިފިލަނޑާއަކީ މުޅި ދުނިޔޭގައިވެސް އޭގެ ދިރުން މަދުވަމުން އަންނަ 2 ބާވަތްކަމަށް މެރިންރިސާރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ. އެގޮތުން މީގެ ތެރެއިން 3 ބާވަތެއްގެ ހުއިފިލަނޑާވަނީ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންޓްރޯލްކުރާ ސައިޓީސްގެ ލިސްޓުގައި ހިމަނާފައެވެ.

މީގެއިތުރުން މެރިން ރިސާރޗް އިންސްޓިޓިއުޓުން ވިދާޅުވީ ރާއްޖޭގައި މިހާރުކުރެވޭ ފާނައިގެ މަސްވެރިކަމުގައިވެސް މިހާރުގެ ޙާލަތަށް ބަލާއިރު ރަނގަޅު ފިޔަވަޅުތަކެއް ނާޅާއިފިނަމަ އެބާވަތް ނެތިހިނގައިދާނެކަމުގެ ބިރުއެބައޮތްކަމަށް ކަމަށެވެ. އެގޮތުން ފާނާއިގެ މަސްވެރިކަމުގައި ބާނާ މަހުގެ ސައިޒު ވަރަށް ބޮޑަށް ކުދިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް މެރިން ރިސާރޗް އިންސްޓިޓިއުޓުން ވިދާޅުވިއެވެ. އަދި މިހާރު ޢާއްމުގޮތެއްގައި ބާނާ ފާނައިގެ ސައިޒު ދަރިމައިވާ އުމުރުގެ ސައިޒަށް ބޮޑުނުވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.. އެއީ އާބާދީ އިތުރުވުމަށް ފުރުސަތު ނުލިބޭ ސަބަބެއްކަން މެރިންރިސާރޗް އިންސްޓިޓިއުޓުން ފާހަގަކުރައްވައެވެ. އެހެންކަމުން ފާނައިގެ އާބާދީ ދުވަހުން ދުވަހަށް ދަށަށް ދާކަން އެއިންސްޓިޓިއުޓުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހަދާ ދިރާސާތަކަށް އެންމެ މުހިއްމީ ޑޭޓާ އެއްކުރުންކަމަށާއި މިއީ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި މެރިންރިސަރޗް އިންސްޓިޓިއުޓުން ފާހަގަކުރައްވައެވެ. އެގޮތުން މިދާއިރާގެ އިތުރު ކުރިއެރުމަށް އަދި ކަނޑުތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް އެކަށީގެންވާ މާނަ ހުރި ޑޭޓާ އެއްކުރުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެއިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.