ސިއްޙީ ސާމާނު ގަތުމަށް ޖަޕާނުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މި އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިނާއި 65 ބެޑްސައިޑް މޮނީޓަރާއި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި 200 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރސް އާއި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް މި ދިން ދީލަތި އެހީތެރިކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރާއްވާފައެވެ.
މިއެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެކަމަށް ވިދާޅުވެފައެވެ.
ޖަޕާނުން ވަނީ މިދިޔަމަހުގެ ތެރޭގައިވެސް ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ދީފައެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެޤައުމުން ވަނީ ރާއްޖެއަށް ދީފައެވެ.