ސްރިލަންކާގައި ތިބި 265 ދިވެހިން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މި އެންމެން ރާއްޖެގެނައުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯމަގުން ސްރިލަންކަން އެއަރލައިންސްގެ ފްލައިޓެއްގައެވެ. ލަންކާގައި ތިބި 265 ދިވެހިން ރާއްޖެގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފޮރިން މިނިސްޓްރީގެ ފަރާތުން ޕީ.އެސް.އެމް ނިއުސްއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ސްރީލަންކަން އެއަރލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާއި، ފަތުރުވެރިންގެ ގޮތިގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައްކަމަށެވެ.
ފްލައިޓްގެ ސީޓިންގ ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، ނަމަވެސް ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށްވެސް ޖާގަ ދެވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން 2 ފަހަރެއްގެ މަތިން ލަންކާގައި ތިބި 130 އަށްވުރެ ގިނަ ދިވެހިން މޯލްޑިވިއަން އެއަރލައިންގައި ރާއްޖެ ގެނެސްފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ލަންކާގައި ހާލުގައި ޖެހިފައިވާ ދިވެހި ޢާއިލާތަކަށް ކެއަރ ޕެކޭޖް ފޮނުވައިދިނުމުގެ އިންތިޒާމް ހަމަޖައްސަައިދީފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެކަމަށެވެ.
ސްރީލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.