ތަޢުލީމު

ޕޮލިޓެކްނިކްގެ އޮންލައިން ކޯސްތައް އަލުން ފަށައިފި


މޯލްޑިވްސް ޕޮލިޓެކްނިކުން އޮންލައިންކޮށް ކުރިއަށްގެންދާ ކޯސްތަކުގެ ކިޔެވުން އަލުން ފަށައިފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާގުޅިގެން އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް މާލޭ ސަރަޙައްދު ފުރަބަންދުކުރުމާގުޅިގެން ޕޮލިޓެކްނިކުންވަނީ އެތަނުގެ ކިޔެވުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް މިދިޔަ މެއިމަހުގެ 28 ވަނަ ދުވަހު ފުރަބަންދުގެ ފިޔަވަޅުތަކަށް ސަރުކާރުން ލުއިދިނުމާގުޅިގެން އޮންލައިންކޮށް ކިޔަވައިދެމުންދިޔަ 4 ކޯހެއްގެ ކިޔެވުން މިއަދު އަލުން ވަނީ ފަށާފައެވެ.

ޕޮލިޓެކްނިކުން އޮންލައިކޮން ކިޔަވައިދޭން ފެށި 4 ކޯހަކީ ސެޓްފިކެޓް 3 އިން ކަސްޓަމަރ ރިލޭޝަންސް އެންޑް ފްރަންޓް އޮފީސް، ސެޓިފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، އެޑްވާންސް ސެޓިފިކެޓް އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓް އަދި ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓެވެ.

ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ހިލޭ ކިޔަވައިދޭ ޕޮލިޓެކްނިކްގެ ގިނަ ކޯސްތަކަކީ ޕްރެކްޓިކަލް ބައި ހިމެނޭ ކޯސްތަކެކެވެ. އެހެންނަމަވެސް އެ ކޯސްތަކުގެ ކިޔެވުން ފެށުން މިވަގުތަށް މަޑުޖައްސާލުމަށް ޕޮލިޓެކްނިކްގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ. އަދި ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލާ، "ނިއު ނޯމަލް"އަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ޕޮލިޓެކްނިކުން ބުނެފައިވެއެވެ.