ރިޕޯޓް

މުޒާހަރާކުރި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވާލައިފި


އައިމާ ކޮންސްޓްރަކްޝަންގެ 2 ސައިޓެއްގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގި 400 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިމާގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އިންޑިގޯ އެއަރލައިންގެ ފްލައިޓެއްގައި މިމަހުގެ 4 ވަނަ ދުވަހު 166 އިންޑިއާ މީހަކު އެ މީހުންގެ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ. އަދި ބަންގްލަދޭޝްގެ ބީމަން ބަންގްލަދޭޝް އެއަރލައިންސްގެ ބޯޓެއްގައި 266 މީހަކު މިއަދު މެންދުރު ބަންގްލާދޭޝްއަށް ފޮނުވާލާފައިވާ ކަމަށެވެ. މި ދެ ފްލައިޓުވެސް ރާއްޖެ ގެެނެސްފައިވަނީ އެކުންފުނީން ޗާރޓަރކޮށްގެން ކަމަށްވެސް އައިމާގެ އޮފިޝަލް ވިދާޅުވިއެވެ.

މި 2 ފްލައިޓުގައި އަނބުރާ ޤައުމަށް ފޮނުވާލި 432 މީހުން އައިމާއިން ފޮނުވާލާފައި ވަނީ އެ މީހުންނަށް ދޭންޖެހޭ މުސާރަ އާއި، އެނޫންވެސް އިނާޔަތްތައް ދިނުމަށްފަހުގައި ކަމަށް އެކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ބުރާސްފަތި ދުވަހު ފުރި އިންޑިއާ މީހުން އިންޑިއާގެ އޮފިޝަލުންނަށް އެމީހުންނަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބުނުކަން ޔަޤީންކޮށްދީފައިވާ ކަމުގައިވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ދެ ދުވަސްމަތީން އެ ކުންފުނިން ފޮނުވާލި މީހުންގެ ތެރޭގައި، އެކުންފުނިން މަސައްކަތް ކުރަމުންދިޔަ 2 ސައިޓުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިނުވާ، ނަމަވެސް އެކިއެކި ޒަރޫރީ ބޭނުންތަކުގައި ޤައުމަށް އެނބުރި ދާން ބޭނުންވެފައިތިބި މީހުންވެސް ހިމެނޭކަމަށް އައިމާއިން ބުނެފައިވެއެވެ.

އައިމާގެ ފަރާތުން މަޢުލޫމާތު ދިން އޮފިޝަލް ވިދާޅުވި ގޮތުގައި އެކުންފުނީގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންގެ ރިކޯޑްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދެއެވެ. އަދި އިންޑިއާ އާއި ބަންގްލަދޭޝްއަށް އެ އެންމެން އަނބުރާ ފޮނުވާލުމުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އޮމާންކޮށްކަމަކަމަށާއި، އަދި މި ހުރިހާ ބިދޭސީންނަކީވެސް ސަައްޙަ ވިސާގައި ރާއްޖޭގައި އުޅެމުންދިޔަ ބައެއްކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، އިކޮނަމިކް މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާއި، ބަންގްލާދޭޝް އެމްބަސީގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން އައިމާއިން ވަނީ ފާހަގަކޮށްފައެވެ.

ވަކިން ޙާއްސަކޮށް މިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދެއްވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފޮރިން މިނިސްޓަރު ޢަބްދު ﷲ ޝާހިދު އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅު އައިމާގެ ދެ ސައިޓެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީން ހަމަނުޖެހުން ހިންގަން ފެށްޓުމުން، އެ އެންމެން އައިމާއިން ވަނީ ތިލަފުށީގައި ހުންނަ އެކުންފުނީގެ ސައިޓަށް ކަމާބެހޭ ފަރާތްތަކުގެ އެހީގައި ބަދަލުކޮށްފައެވެ. ނަމަވެސް އެތަނުގައިވެސް އެމީހުން ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށްދިޔަ 2 ފުލުހަކަށް އަނިޔާކޮށްފައިވާއިރު، މިމަހުގެ 2 ދެވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާގުޅިގެން 7 ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން މުޒާހަރާ ކުރަމުންދިޔައީ ކޯވިޑް-19 ފެތުރެން ފެށުމުގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އެޗް.ޕީ.އޭއިން މަނާކޮށްފައިވަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ އެމީހުންނަށް މާލެ އައިސް، އެމީހުންގެ އާއިލާއަށް ފައިސާ ފޮނުވުމުގައި ދަތިވާކަމަށް ބުނެއެވެ.