ޚަބަރު

ކޯވިޑް-19 : ރިލީފް ޕެކޭޖުން އެހީ ލިބުނު ފަރާތްތައް އާންމުކުރަން ހުށަހަޅައިފި


ކޯވިޑް19އާ ގުޅިގެން މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ސަރުކާރުން ތަޢާރަފްކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން މިހާތަނަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ މީހުންނަކީ ކޮބައިކަން އެނގޭގޮތަށް އާންމުކުރުމަށް ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީލް ފޮނުވާފައިވާ ސިޓީގައި ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ސަރުކާރުންވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތަޢާރަފްކޮށް އެހީއަށް އެދޭ ފަރާތްތަކަށް، މާލީ ގޮތުން އެކިއެކި އެހީ ފޯރުކޮށްދީފައިކަމަށެވެ. ނަމަވެސް މި ޕެކޭޖަށް އެދިފައިވާ ފަރާތްތަކުންގެ ތެރެއިން ޝަރުތު ހަމަވާކަމަށް ބުނާ ބައެއް ފަރާތްތަކަށް މިއެހީ ލިބިފައިނުވާކަމުގެ ޝަކުވާ ދަނީ ލިބެމުންކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން އެހީ ދޫކޮށްފައިވާ ފަރާތްތަކުގެ ތަފްސީލު ހިމެނޭ ލިސްޓެއްް އާންމުކޮށް ފެންނަން އޮތުމަކީ މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނޭ ކަމެއްކަމަށް ދެކޭތީ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީ މެދުވެރިކޮށް މި ލިސްޓު އާންމުކޮށް ދެއްވުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތު ތަކަށްބަލާއިރު ވަޒީފާއިން ވަކިކޮށް އިނާޔަތް ކުޑަކުރި މީހުންގެ ތެރެއިން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ލޯންތަކުގެ ތެރެއިން 618 މީހަކަށް ލޯން ދިނުމަށް ހުއްދަ ދީފައިވާއިރު، އަމިއްލަ މަސައްކަތްތެރިންގެ ތެރެއިން ލޯނަށް އެދުނު މީހުންގެ ތެރެއިން 230 މީހަކަށްވަނީ ލޯން ދޫކުރުމުގެ ހުއްދަ ވަނީ ދީފައެވރ.

އިކޮނޮމިކް ރިލީފް ފަންޑުގެ އެންމެ ބޮޑު މަޤްސަދަކީ ގޭގައި ހުރެގެން އަމިއްލަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާ މީހުންނަށް ޢާއްމު ޙާލަތުގައި ކުރިއަށް ދެވޭނެ މަގު ހޯދައިދިނުމަށާއި ބޮޑެތި ވިޔަފާރިތަކުގެ ދަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރިކުރުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާސް އިސްމައިލް ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރިލީފް ފަންޑުގެ ގޮތުގައި ވިޔަފާރިތަކަށް ނުވަތަ ގޭގައި ތިބެގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް އެސްއެމްއީ ބެންކަށް ލިބިފައިވަނީ 400 މިލިއަން ރުފިޔާކަމަށެވެ. އަދި އެސްއެމްއީސްގެ ގޮތުގައި 8000 މީހުން ރަޖިސްޓަރީވެފައި ތިބިއިރު ގޭގައި އަމިއްލަ ވިޔަފާރި ރަޖިސްޓަރ ނުކޮށް ޢާމްދަނީ ހޯދާ މީހުންގެ ޢަދަދު 2000އަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް ނަވާރައިގެ ޙާލަތުގައި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާއިރު މިދަނޑިވަޅުގައި ބަނގުރޫޓުވުން ހުއްޓުވުމަށް ސަރުކާރުންދޭ އެހީގެގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށައެޅޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިލޯނަކީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދޫކުރާ ލޯނެއެވެ.