ވިޔަފާރި

މަސް އެކްސްޕޯޓް ދަށްވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުން


މަސް އެކްސްޕޯޓް ދަށްވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުންކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓަކުން ދައްކައިފިއެވެ.

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ތައްޔާރުކޮށްފައިވާ "ރެޕިޑް ރައިވްލީހުޑް އެސެސްމަންޓް" ރިޕޯޓުގައިވާ ގޮތުން ކޯވިޑް19ގެ ސަބަބުން މަސް ގަތް މިންވަރާއި އަދި މަސް އެކްސްޕޯޓްކުރި މިންވަރަށް ވަނީ ބަދަލު އައިސްފައެވެ.

މި ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 2 މަސްދުވަހު އޭޝިއާ ފިޔަވައި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ހުރިހާ މާކެޓަކަށްވެސް މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ ދަށްވެފައެވެ.

މިއަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ %15 ދަށްވެފައެވެ.

ޔޫރަޕްގެ ޤައުމުތަކަށް މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވަނީ ކޯވިޑް19 ގެ ސަބަބުން އެ ޤައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން އާންމުން އެއްވެ އުޅުން މަނާކޮށް ފިހާރަތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށް، މަހަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.
ރާއްޖެއިން އެކްސްޕޯޓްކުރާ %28 މަސް އެކްސްޕޯޓްކުރަނީ ޔޫރަޕްގެ ޤައުމުތަކަށެވެ.
ބައިނަލްއަޤްވާމީ މާކެޓަށް މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވާ އަނެއް ސަބަބަކީ މަހުގެ އަގު އެ ޤައުމުތަކުގައި ދަށްވުމެވެ.

ފާއިތުވި 5 އަހަރުގެ ތެރޭގައި ރާއްޖެއިން 679411 މެޓްރިކް ޓަނުގެ މަސް ވަނީ ބާނާފައެވެ. މިއީ އަހަރަކުން ބަލާނަމަ އަހަރަކަށް 135882 މެޓްރިކް ޓަނެވެ.