ޚަބަރު

ވިޔަފާރި ހުއްދަތައްވެސް ދެން ދޫކުރާނީ ފުލުހުން


އަމިއްލަ އޮފީސްތަކާއި ވިޔަފާރިތައް ހިންގުމަށްޓަކައި ދޭ ހުއްދައާއި އެތަންތަނުގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް އެދޭ ހުއްދަ ދެން ދެމުންދާނީ މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށްކަމަށް ރަޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ފުރަބަންދުގެ ލުއިތަކާއެކު ވިޔަފާރިތަކާއި އަމިއްލަ އޮފީސްތައް ހިންގުމަށް ވަކި ގަޑިތަކެއްގައި ދަނީ ހުއްދަ ދެމުންނެވެ. މިހާތަނަށް މިފަދަ ހުއްދަތައް ދެމުންދިޔައީ އިކޮނޮމިކް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސްއިންނެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މީގެ ކުރިން މިފަދަ ހުއްދަތައް އިކޮނޮމިކް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި ފުލުހުން މެދުވެރިކޮށް ދެމުންދިޔަނަމަވެސް މި އުސޫލު ބަދަލުކޮށް ހުރިހާ ހުއްދައެއްވެސް ފުލުހުން ދޫކުރާގޮތަށް ބަދަލުކޮށްފައިވާކަމަށެވެ.

" އަލަށް ހުށަހަޅަން ޖެހޭ މީހުން މިގޮތަށް ހުށަހަޅަން ޖެހޭނީ. އެހެންނަމަވެސް ކުރިން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ހުއްދައަށް އެދިފައިވާ ފަރާތްތަކުން ދެން ނުޖެހޭނެ އައު ހުއްދައެއް އެދޭކަށް. މީގެއިތުރުން ފިހާރަ ނޫނީ ވަކި ވިޔަފާރިތަކެއް ހުޅުވައިގެން ކަސްޓަމަރުންނަށް މުދާ ވިއްކަން ބޭނުމިއްޔާ ކުރިން ހުއްދައަށް ހުށަހަޅަން ޖެހޭނީ މާލެ ސިޓީ ކައުންސިލަށް. ނަމަވެސް މިހާރު މިކަން ބަދަލުކޮށް، ދެން މިހުއްދައަށް އެދެން ޖެހޭނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޯޓަލް މެދުވެރިކޮށް. ސިޓީ ކައުންސިލް މެދުވެރިކޮށް ވިޔަފާރި ހުޅުވައިގެން ހިދުމަތްދޭން އެދި ނަމަވެސް ހުއްދަ ނުލިބޭ ފަރާތްތަކުން ޖެހޭނެ އަލުން މިކަމަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެން" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ފުރަބަންދުގެ ހާލަތު ލުއިކުރަން ފެށިފަހުން އެކިއެކި އޮފީސްތައް ހުޅުވުމަށް އެއް ހާހަށްވުރެ ގިން ހުއްދަ ދީފައިވާކަމަށެވެ. އަދި ހަތަރު ހާސް ހަތަރުސަތޭކައަށްވުރެ ގިނަ މީހުންނަށް މަސައްކަތަށް ދިއުމަށް ހުއްދަ ދީފައިވާކަމަށެވެ. މީގެއިތުރުން ރަށްރަށުގައި ވިޔަފާރިތަކާއި އޮފީސް ހިންގުމުގެ ހުއްދަދީ، އުސޫލުތައް ކަޑައަޅާނީ ކައުންސިލްތަކުންކަމަށްވެސް ކަމަށް ވިސާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ކަންކަން ގެނައުމުގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ފުރަބަންދަށް ލުއި ދިންނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.