ސަރުކާރުގެ ބޯހޔާވަހިކަމުގެ ވަޢުދުގެ ދަށުން އިޢުލާންކޮށްފައިވާ ހައުސިންގ މަޝްރޫތައް ނިންމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވީ ދިގު މުއްދަތަކަށް ސަރުކާރު އޮފީސްތައް ނުހުޅުވި ދިޔުމާއި ގުޅިން ބައެއް މަސައްކަތްތައް މަޑުޖެހިފައި ވާކަމަށެވެ. ނަމަވެސް އިދާރީގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާއި، އަދި މިހާރު ފަށައިގެން ކުރިއަށްދާ ހައުސިންގ މަޝްރޫއުތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިތުރު 20،000 ހައުސިން ޔުނިޓް އެޅުމަކީ ސަރުކާރުގެ ބޯހިޔާވަކަމުގެ ވަޢުދުގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަސައްކަތެވެ. މި ވަޢުދުގެ ދަށުން މިހާރުވެސް ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު ދެނެގަތުމާއި، އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ ބައެއް އަދަދުތައްވެސް މިނިސްޓަރ ވަނީ ޙިއްސާކުރައްވާފައެވެ.
މި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާއި، އަދި މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށްދާކަމަށް މިނިސްޓަރ އާތިފާވަނީ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެދަށުން މާލޭ ސަރަޙައްދަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ހަދާ 1700ހައުސިންގ ޔުނިޓްގެ ޕްރޮޖެކްޓް ހިންގުމަށް، ބަޔަކާއި ހަވާލުކޮށް އެ ޕްރޮޖެކްޓްގެ ބިންގާވެސް ވަނީ އަޅާފައެވެ.
"ވަޢުދު ފުއްދޭނެ، 3 އަހަރު އަދި އެބައޮތް. ބަންދުވާން އޮތް ހަފްތާގައި 1700 ޔުނިޓްގެ ބިންގާވަނީ އެޅިފައި. މާލެ އޭރިއާގައި އިތުރު 2000 ޔުނިޓް އެޅުމުގެ އެގްރިމަންޓްގައި ސޮއިކޮށްފައިވޭ. އަދި ހަމަ މި ސަރަޙައްދުގައި އިތުރު 4000 ޔުނިޓް އެޅުމަށް ބަޔާކާއި ހަވާލުކުރުމުގެ މަގުމަތީގައިވަނީ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ މަސައްކަތެއް. އިންޑިއާ ބޯޑަރު ހުޅުވާލުމާއެކު ޓީމު ރާއްޖެ އަންނާނެ." މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.
މީގެއިތުރަށް އުތުރުގައި 3000 ހައުސިންގ ޔުނިޓްއަޅާނެކަން މީގެކުރިންވަނީ އިޢުލާންކޮށްފައެވެ. އަލަށް ފެށުމަށް ނިންމާފައިވާ ޔުނިޓްތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓްތައް ފަށައިގަނެވޭނީ ފްލެޓްތަކުގެ މަސައްކަތްތައް ފެށުމަށް ބޭނުންވާ ގެރެންޓީތައް އެޕްރޫވްވެގެންކަމަށެވެ. މިކަމުގެ ގިނަ ލިޔުންތަކެއް މިހާރުވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓަރ ވިދަޅުވިއެވެ.