ކޯވިޑް-19

މެލޭޝިޔާގެ ލިންބަގް ހޯލްޑިންގްސްއިން ރާއްޖެއަށް 1،000 ޕީ.ޕީ.އީ ކިޓް ހަދިޔާކޮށްފި


މެލޭޝިޔާގެ ލިންބަގް ހޯލްޑިންގްސްއިން ރާއްޖެއަށް 1،000 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ކިޓް ހަދިޔާކޮށްފިއެވެ.

މެލޭޝިޔާގެ ލިންބަގް ހޯލްޑިންގްސްގެ ފައުންޑަރ ދަތުކް ވިރަ ލިންގ ކަޗޮކްގެ ފަރާތުން މި ކިޓުތައް ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މާސްކުތަކާއި ހަވާލުވެވަޑައިގެންނެވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއެވެ.

މި 1،000 ޕީ.ޕީ.އީ ކިޓަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ޕްރޮންޓްލައިންގައި މަސައްކަތްކުރާ މެޑިލަލް އޮފިޝަލުންނަށް ހަދިޔާކުރި ކިޓްތަކެއްކަމަށް ކުންފުނިން ބުނެއެވެ. މީގެ ތެރޭގައި ސަރޖިކަލް ގައުނާއި، ބޫޓު ކަވަރާއި، ސްކާފް ހިމެނޭނެކަމަށް ލިންބަގް ކުންފުނިން މަޢުލޫމާތުދެއެވެ.

މިކަމާގުޅޭގޮތުން އެކުންފުނިން ނެރުނު ބަޔާނުގައި، މިއީ މުޅި ދުނިޔެ އެކަތިގަނޑަކަށްވެ އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވޭކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން ލިންބަގްގެ ބަޔާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހޮޓެލް ވިޔަފާރިކުރުމަށް ޝަޢުގުވެރިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ކ. ގުރައިދޫގައި އެކުންފުނީގެ ހޮޓެލް ޕްރޮޕަޓީ ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ. އެންމެފަހުގެ ޒަމާނީ ކޮންސެޕްޓަކަށް ތަރައްޤީކުރާ މި ޕްރޮޖެކްޓް ވެގެންދާނީ، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ ޕްރޮޖެކްޓަކަށްކަމަށްވެސް ލިންބަގްއިން ބުނެއެވެ. އަދި ރާއްޖޭގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތްކުރާނެކަންވެސް އެކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މެލޭޝިއާގެ ލިންބަގް ހޯލްޑިންސްއިން ރާއްޖެއަށް 1،000 ޕީ.ޕީ.އީ ކިޓް ހަދިޔާކޮށްފައިވާއިރު، އެކުންފުނިން މިދިޔަމަހުގެ ތެރޭގައި ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް 60،000 ހާސް މާސްކްވެސް ހަދިޔާކޮށްފައެވެ.