ވިޔަފާރި

ރާއްޖެއަކީ ރައްކާތެރި ޤައުމެއްކަމަށް ޗައިނާގެ 67 އިންސައްތަ ފަތުރުވެރިން ޤަބޫލުކުރޭ


ރާއްޖެއަކީ ޒިޔާރަތްކުރަން ރައްކާތެރި ޤައުމެއްކަމަށް ޗައިނާގެ 67 އިންސައްތަ ފަތުރުވެރިން ބުނެފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަމަށްވާ، ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި 1100 މީހުން ވަނީ ބައިވެރިވެފައެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ރާއްޖެ އަންނަން ބޭނުންވެއެވެ. އަދި މީގެތެރެއިން 22 އިންސައްތަ މީހުން ވަނީ މީގެކުރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި 67 އިންސައްތަ މީހުން ޤަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އަންނަން އެންމެ ރައްކާތެރި ޤައުމެވެ.

ދިރާސާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރަން ބޭނުންވަނީ "4 ސްޓަރ ހޮޓެލް" ތަކުގައެވެ. އަދި ރާއްޖޭގެ ރިސޯޓަކަށް ދެވިއްޖެނަމަ 47 އިންސައްތަ މީހުން ތިބެން ބޭނުންވަނީ ބީޗް ވިލާތަކުގައިކަމަށްވެސް މި ދިރާސާއިން ދައްކައެވެ. އަދި 38 އިންސައްތަ މީހުން އޯވަރ ވޯޓަރ ވިލާ ޙިޔާރު ކުރިއިރު ބާކީތިބި މީހުން ބޭނުންވަނީ ހޮޓެލް ރޫމްއެވެ.

ދިރާސާގައި ބައިވެރިވި %57 މީހުން ރާއްޖެ އަންނަން ބޭނުންވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެކިލުމަށެވެ. %21 މީހުން ވޯޓަރ ސްޕޯޓްސްއާއި ޑައިވިންގ އަށް އަންނަން ބޭނުންވާއިރު، %10 މީހުންނަކީ ހަނީމޫން ހޭދަކޮށްލަން އަންނަން ބޭނުންވާ މީހުންނެވެ. އަދި %7 މީހުން ރާއްޖެއަންނަން ބޭނުންވަނީ ފޮޓޯނަގަންކަން ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ދިރާސާގައި ބައިވެރިވި %49 މީހުންނަކީ 20 އަހަރާއި 29 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި ގިނަ މީހުން ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވަނީ ޓުއަރ ގްރޫޕްތައް ނުލައި އަމިއްލައަށް ކަންކަން ތަޖުރިބާ ކޮށްލަންށެވެ.

މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 33889 ފަތުރުވެރިންނެވެ. މިއީ މާރޗްމަހުގެ ނިޔަލަށް 3 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.