ޚަބަރު

ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭނަން- މިނިސްޓަރ ނަހުލާ


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރުމުގެ ސަބަބުން ގެއްލުންވި ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދާވަކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެ ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދެމުންދިޔަ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުމުގައި މެންބަރުން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ ނުލިބި ދިމާވި ދަތިތަކެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް މުހިންމު ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާކަމަށެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްކަން ދެނެގަނެ، ސަރުކާރުން އިޢުލާންކޮށްފައިވާ އުސޫލްތަކުގެ ތެރެއިން ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އިކޮނޮމިކް މިނިސްޓްރީން މީގެ ގިނަ ކަންކަން ހިންގަވަނީ. އަޅުގަނޑު މިނިސްޓަރ ފައްޔާޟް އާއި ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި ކުރިއަށް ގެންދާނެ ވާހަކަ ޢިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަން." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދު އެންމެ ފުރަތަމަ ފުރަބަންދުކުރުމުން ކޮންމެ ސެންޓަރަކުން 6 ޓެކްސީއަށް ހުއްދަދޭން ނިންމިނަމަވެސް އެ އަދަދު އިތުރުކުރުމަށް ސެންޓަރުތަކުން އެދުމުން ފުލުހުންނާއި މަޝްވަރާކޮށް ކޮންމެ ސެންޓަރަކުން 10 ޓެކްސީއަށް ހުއްދަދީފައިވާކަމަށެވެ. މި ވަގުތަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިވުމަށް ފިޔަވަޅު އަޅަމުންދާންޖެހޭ ވަގުތުކަމުން ކޮންމެ ކަމެއްގައިވެސް ދަތިތަކެއް ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޮންމެ ފިޔަވަޅަކީވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބި ބޭފުޅުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވާކަމަށް ތުހުމަތުކުރެވޭ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވަނީ އެއްވެސް މުވައްޒަފަކާއި މެދު ތަފާތުކުރުން ނުގެންގުޅުއްވާކަމަށެވެ. ކޮންމެ ސިޔާސީ މަޤާމެއްގައި ހުރި ބޭފުޅަކަށްވެސް ޒިންމާތަކެއް އަދި މަސްޢޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާނެކަމަށާއި، އެޒިންމާތައް އަދާކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މެންބަރުންގެ ދާއިރާތަކުގެ ކައުންސިލް މެންބަރުންނާއި މިނިސްޓަ ބައްދަލު ނުކުރައްވާކަމަށްވެސް ބައެއް މެންބަރުން ތުހުމަތުކުރެއްވިއެވެ. އެކަމަށް ރައްދުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޯވިޑް19ގެ ކުރިންނާއި ފަހުންވެސް އެ މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާފައިވާނެކަމަށާއި، ވަގުތު ދެވެން ހުރި މިންވަރުން ވަގުތު ދެއްވާފައިވާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިގެނެއް އެއްވެސް މެންބަރަކާ ބައްދަލުނުވެގެން މިހާތަނަށް ގޮއްސައެއް ނުވާނެ. އެކަމަކު އެޕޮއިންޓްމަންޓް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ވަގުތުތެއް ނުދެވިދާނެ. އެކަމަކު މީޓިންއަށްފަހު ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭމީ. ކުރިއަށް އޮތް މީޓިންތަކުގެ ފޮޓޯތައް ނަގާ ތިބޭފުޅުންނަށް ފެންނާނެގޮތަށް އަޕްޑޭޓްސް ކުރަމުން ގެންދާނަން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.


މިނިސްޓަރ ނަހުލާ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅު ފުއްދުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ބައެއް މަސައްކަތްތައް މަޑުޖެހުނުނަމަވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ބޭފުޅުން ސީދާ މިނިސްޓްރީއަށް ގޮސް ހޯދަމުންދިޔަ ޚިދުމަތްތަކަކަށްވާއިރު، ކޯވިޑް19ގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ޚިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ހިދުމަތްތައް މިނިސްޓްރީން ދެމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.