ކޯވިޑް-19

ކޯވިޑް-19 : ހާލަތުން އަރައިގަތުމަށް ޤައުމުތަކުގެ އެހީ ރާއްޖެއަށް އިންތިހާއަށް ބޭނުން: ރައީސް


ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކޮށް، ކަންކަން އާއްމު ޙާލަތަށް ގެންނަން ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް އިންތިހާއަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ ޙާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަދްކަރް އާއި ފޯނުން ގުޅުއްވާ ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައެވެ.

މި ފޯނު ކޯލުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު ވަނީ ކޯވިޑް-19ގެ ރާއްޖޭގެ މިހާރު ޙާލަތާއި ގުޅޭ މަޢުލޫމާތު އަޔަރލޭންޑްގެ ބޮޑުވަޒީރާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 1800 އަށްވުރެ މައްޗަށް އަރާފައިވާއިރު، ބަލި ފެތުރުހުން ހުއްޓުވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. އަދި ގްރޭޓަރ މާލޭ ސަރަހައްދުގައި ފުރަބަންދުކުރުމާއެކު ހަލުވިކަމާއެކު ބަލި ފެތުރޭ މިންވަރު ދަށްކުރެވި، އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓި، ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އިތުރުވާންފެށުމާއެކު ރާއްޖޭންވެސް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ފިޔަވަޅުތައް ލުއިކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަން ފާހަގަކުރައްވާ، އެކަމުގައި ރާއްޖޭން އިސްކަންދޭނެ ތަރުތީބާއި، ސަރުކާރުގެ މައިގަނޑު ވިސްނުންހުރިގޮތުގެ މަޢުލޫމާތުވެސް ރައީސް ވަނީ އަޔަރލެންޑްގެ ބޮޑުވަޒީރާއި ހިއްސާކުރައްވާފައެވެ.

އެގޮތުން އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ވިޔަފާރި މުޢާމަލާތްތައް ފުޅާކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާ، ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށް ވާންޖެހޭ ތައްޔާރީތަކާއި އެކަމުގެ ޕްލޭންތައް ސަރުކާރުން ހަދަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ކުރުމުގައި އާއްމުންގެ ރައްކާތެރިކަމަށްދޭ ސަމާލުކަން ސަރުކާރުން އެއްވެސް ޙާލެއްގައި ކުޑަނުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އައު އާއްމު ޙާލަތަށް ތައްޔާރުވަމުންދާ ރިކަވަރީ ސްޓޭޖުގައި ބައިނަލްއަޤްވާމީ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ. އަދި މިދަނޑިވަޅުގައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް އޮތް ގޮންޖެހުންތައް އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާ، ދަރަނި މަޢާފުކޮށްދިނުމަކީ އެފަދަ ޤައުމުތަކަށް މި ޙާލަތުގައި އުފުލަންޖެހޭ ތަކުލީފުތައް އެތައްގުނައެއް ކުޑަކުރެވިދާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި ކޯލުގައި ރައީސުލްޖުމްހޫރިއްޔާއާއި އަޔަރލެންޑްގެ ބޮޑުވަޒީރުވަނީ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެޤައުމުން އެއްބާރުލުން އިތުރުކޮށް ގުޅުންބަދަހި ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ފޯނުކޯލް ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ބައިނަލްއަޤްވަމީ ގޮތުން އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި އެއްބާރުލުންދިނުމާއި ކޯވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ކާމިޔާބީ އެދިވަޑައިގެންނެވުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް އެދިވަޑައިގަންނަވާފައެވެ.

ރިޕަބްލިކް އޮފް އަޔަރލޭންޑާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 21 އަހަރު ކުރިން 7 ޑިސެންބަރ 1999 ގައެވެ.