ޚަބަރު

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ


ކޯވިޑް19 އާއި ގުޅިގެ ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދެމުންދިޔަ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުން ކޯވިޑް19 ގެ ތެރޭގައި މަސައްކަތް ކުރައްވަމުންދާ ގޮތްތައް ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށްވެސް ބައެއް ވުޒާރާތަކާއި ވަނީ ބައްދަލުކޮށްފައެވެ. މިރޭ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވީޑިއޯ ކޮންފަރެންސްކޮށް ބާއްވާ މިބައްދަލުވުމުގައި ޓްރާސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާއާއި އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ މިރޭ 9 ޖަހާއިރު އޮންނަ މިބައްދަލުވުމަކީ މިނިސްޓްރީގެ މަސައްކަތްތައް ރޭވިފައިވާގޮތް ސާފްކުރެއްވުމަށް ކޮމިޓީން ބޭނުންފުޅުވާތީ މަސައްކަތްތައް ކުރެވިފައި ވާގޮތާއި، އަދި ކުރިއަށް ރޭވިފައިވާގޮތް ސާފުކޮށްދެއްވުމަށް ބޭއްވޭ ބައްދަލުވުމެއްކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަ ހިދުމަތްތަކަކީ ހިދުމަތް ހޯދާ ބޭފުޅުން ސީދާ މިނިސްޓްރީއަށް ވަޑައިގެން ހޯދަމުންދިޔަ ޙިދުމަތްތަކަކަށްވާއިރު، ކޯވިޑް19 ގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއްް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައެއް އޮންލައިންކޮށް ފޯރުކޮށްދެވެން އޮތް ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދީފައިވާކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

އެގޮތުން ރާއްޖެއަށް އަންނަ ބޯޓްފަހަރުތަކުން ދައްކަންޖެހޭ ފީދެއްކުން އޮންލައިންކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، މާލެ ސަރަހައްދު ފުރަބަންދަށް ދިޔަފަހުން މެދުކެނޑިފައިވާ ހުރިހާ ހިދުމަތެއް މިފެށޭ ހަފްތާއިން ފެށިގެން ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.