ކޯވިޑް-19

ކޯވިޑް19 - އޭދަފުށިން 70 ސާމްޕަލް ނަގައިފި


ކޯވިޑް-19އާ ގުޅިގެން އޭދަފުށީގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް 70 ސާމްޕަލްއެއް ނަގައިފިއެވެ.

ރެންޑަމްކޮށް މި ސާމްޕަލްތައް ނެގުމުގައި ބަލާފައިވަނީ އެރަށުގައި އާންމުކޮށް ހިދުމަތްދޭ ތަންތަނުގައި ތިބޭ ބިދޭސީންނާ ދިވެހިންނެވެ. އެގޮތުން ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާ ފިހާރަތަކާ ހޮސްޕިޓަލް އަދި ޓާސްކްފޯސްގެ މެންބަރުންގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 20 ބިދޭސީންނާ 50 ދިވެހިންނެވެ.

70 ސާމްޕަލް މިއަދު މާލެ ފޮނުވާލުމަށް ތައްޔާރުވަމުންދާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި މިއަދު ރޯޔަލް އައިލެންޑްގައި ކަރަންޓީންގައި ތިބި 90 ފަރާތެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ގޮތަށް ސާމްޕަލް ނަގަނީ އެންއީއޯސީ އާއި އެޗްޕީއޭއީން އަންގާފައިވާތީކަމަށެވެ.

އޭދަފުށީގެ އިތުރުން މި ޓެސްޓްތައް ބ.އަތޮޅުގެ އެހެން ރައްތަކުގައިވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.