ޚަބަރު

އަޖުމަބަލަން އިންދި ޒުވާރިގަނޑުން އެތައް ޒުވާރިގަނޑުތަކެއް


ކޯވިޑް19ގެ ސަބަބުން އިއުލާންކޮށްފައިވާ ލޮކްޑައުންއާއެކު ގޭގައި ތިބެގެން އެކި މީހުން ދަނީ އެކި މަސައްކަތްކުރަމުންނެވެ. އެގޮތުން އެކި ބާވަތުގެ ތަރުކާރީއާއި މޭވާ ހެއްދުމަކީވެސް ލޮކްޑައުންގައި ތިބެގެން ގޭގައި ބައެއް މީހުން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން ދާދިފަހުން މާލޭގެ ގެއެއްގެ ބެލްކަނީގައި ދިވެހި އަންހެން ކުއްޖަކު ވަނީ ޒުވާރި ހައްދައި، މިވެސް ގޭތެރޭގައި ހެއްދިދާނެ އެއްޗެއްކަން ސާބިތުކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން، އުމުރުން 21 އަހަރުގެ ފާތިމަތު ވިޝާމާ (ވިކީ) ބުނީ، އެންމެ ފުރަތަމަ ޒުވާރި ހެއްދުމުގެ މަސައްކަތް ކުރީ މަޖަލަކަށްކަށްކަމަށާއި އެކަން ފެށީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

ފިހާރައަކުން ޒުވާރި ގަނޑެއް ގަނެގެން ގެނެސް ގޭގެ ބެލްކަނީގައި ހުރި ޕޮޓުގައި ޖެހިއިރު އޭގެއިން ޒުވާރިކާން ލިބޭނެކަމަކަށް ވިޝާމާ އުންމީދެއް ނުކުރެއެވެ. ނަމަވެސް އޭނާ މަޖަލަކަށް އަޖުމަ ބަލާލަން އިންދި ޒުވާރިގަނޑުން އެތައް ގަހެއް ފެޅުމުން މިއީވެސް ކުރެވޭނެ ކަމެއްކަން އޭނާއަށް އެނގިގެންދިޔައެވެ.

"ކޯން ހައްދަންފެށީ ހަމަ މަޖަލަކަށް، އެކްސްޕެރިމެންޓް ކޮށްލަން ބޭނުންވީ ހެއްދޭތޯ ބަލާލަންވެގެން. އިންދީ ކޯނެއް އިންގޮތަށް. ދެން އެއިން ބައިވަރު ގަސްފެޅީ. ފެޅީމަ ބައެއް ގަސްތައް ނަގާފަ ވަކިން އިންދީ." ޒުވާރި ހެއްދި ގޮތުގެ މައުލޫމާތުދެމުން ވިޝާމާ ބުންޏެވެ.

ޒުވާރި ހެއްދުމަށް އެއްވެސް ވަރަކަށް ގަސްކާނާ ބޭނުންނުކުރާކަމަށް ވިޝާމާ ބުންޏެވެ. މިކަން ކުރުމަށް އޭނާ ކުރި ހަމައެކަނި މަސައްކަތަކީ ދުވާލަކު 2 ފަހަރު ގަސްތަކަށް ފެންދިނުމެވެ.

ގަސްތައް އިންދިތާ 4 މަސްދުވަހުގެ ތެރޭގައި އޭނާ ވަނީ ކޯން ހައްދައި އެކޯންގެ ރަހަ ބަލާފައެވެ. ވިޝާމާ ބުނީ ބާޒާރުގައި ވިއްކަން ހުންނަ ކޯންއާއި އަޅާބަލާއިރު އޭނާ ހެއްދި ކޯން ފޮނިވެފައި ރަހަ ތަފާތުކަމަށް ބުންޏެވެ.

ވިޝާމާ ހެއްދި ޒުވާރި ގަސްތަކުން އަދި ދޮންވެފައިވަނީ އެންމެ ޒުވާރިގަނޑެކެވެ. ނަމަވެސް މިހާރުވެސް ގަހުގައި އަށެއްކަ ޒުވާރިގަނޑު އެބަހުރިކަމަށް އޭނާ ބުންޏެވެ. ފުރަތަމަ ބޮޑުވި ޒުވާރި ގަނޑަށްވުރެ މިހާރު ނިކުންނަ ޒުވާރިގަނޑުތަކުގެ ސައިޒް ބޮޑުކަން އޭނާ ފާހަގަކުރިއެވެ. މި މަސައްކަތަކީ ހީކުރި ވަރަށްވުރެ ފަސޭހަ މަސައްކަތެއްކަމަށް އޭނާ ބުނެއެވެ. ޒުވާރީގެ އިތުރުން ވިޝާމާ އަންނަނީ ޓޮމާޓޯ، ބެލްޕެޕަރ ލެޓިއުސްގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މާގަސްވެސް އިންދަމުންނެވެ.

ކުރަން ބޭނުންވެއްޖެނަމަ ކޮންމެ މަސައްކަތަކީވެސް ކުރެވިދާނެ މަސައްކަތެއްކަން ވިޝާމާ ވަނީ ސާބުތުކޮށްދީފައެވެ. ކޯވިޑް19ގެ ސަބަބުން ގޭގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް އައުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހާސްކަން ވެރިވެފައެވެ. އެހެންކަމުން ގޭގައިތިބެ ތަފާތު އެކި ބާވަތްތަކުގެ ގަސް ހައްދާލުމަކީ މިފަދަ ދަނޑިވަޅެއްގައި ހާސްކަން ފިލުވާލުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.