އަތޮޅުތައް

ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ފެށިފައި - މިނިސްޓަރ


މަގު ހެދުމަށް
މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ތޭރަ ރަށުގެ ތެރެއިން ގިނަ ރަށްރަށުގެ މަސައްކަތް
ފެށިފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.



ހައުސިންގ
މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިހާރު އެގްރިމަންޓް ކުރެވިފައިވާ
ރަށްތަކުގެ މަގު ހެދުމަށް 800 މިލިޔަނާއި 900 މިލިއަނާއި ދެމެދުގެ
އަދަދަކަށް ފައިސާ ޚަރަދުވާކަމަށާއި މީގެ ތެރޭގައި ލ. އަތޮޅޫގައި ހަދާ ފަނަރަ
ކިލޯމީޓަރުގެ މަގު ނުހިމެނޭކަމަށެވެ.



އަދި ލ. އަތޮޅުގައި
ހަދާ މަގުގެ ޕޭމަންެޓް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި މަސައްކަތް
މިހާރު ކުރިއަށްދާ ސްޕީޑަށް ބެލުމަށްފަހު އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި
މަގުހެދުމުގެ މަސައްކަތް ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ހައުސިންގ މިނިސްޓްރީން ބުނީ އެމްޓީސީސީ އާއި ހަވާލުކޮށްފައިޥާ ށ. ފުނަދޫގެ
މަގު ހެދުމަށް ބޭނުންވާ ތަކެތި ގެންސްފައިވާކަމަށާއި އީއައިއޭ ހެދުމުން އެރަށުގެ މަގު
ހެދުމުގެ މަސައްކަތްވެސް ފަށާނެކަމަށެވެ. މީގެ އިތުރުން
އެމްއާރުޑީސީ އާއި ހަވާލުކޮށްފައިވާ ބާރަ ރަށުގެ ތެރެއިން ގިނަ ރަށުގެ މަސައްކަތް
ފެށިފައިވާކަމަށް ހައުސިންގ މިނިސްޓަރ ފާހަގަކުރެއްވިއެވެ.



މިނިސްޓަރ ވިދާޅުވީ
ކުޅުދުއްފުށީގައިވެސް ޕޭމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ދެން
އެންމެ އަވަހަށް ތާރު އެޅުމުގެ މަސައްކަތް ފެށޭނީ ގއ. ވިލިގިއްޔާއި ގދ.
ތިނަދޫގައިކަމަށެވެ.