ކޯވިޑް-19

ކޯވިޑް-19 : ބިދޭސީންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ


ބިދޭސީންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ހުޅުވި ފަންޑެކެވެ. "މައިގްރަންޑްސް ރިލީފް ފަންޑް"ގެ ނަމުގައި ހުޅުވާފައިވާ މި ފަންޑަށް މިހާތަނަށް އެއް މިލިއަން ތިން ލައްކަ ހަތަރުހާސް ހަތްސަތޭކަ ސާޅިސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި ލިބިފައިވާ ކަމަށް އެޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

އާއްމުންގެ އެހީތެރިކަމާއެކު ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ގޮފީގެ ފަރާތުން ހިންގާ މައިގްރަންޓް ސަޕޯޓް ސެންޓަރުން ވަނީ ތިންހާސް ހަ ސަތޭކައަށްވުރެ ގިނަ ބިދޭސީންނަށް ސަތޭކަ ހާހަށްވުރެ ގިނަ މީލް ޕެކް ފޯރުކޮށްދީފައެވެ. އަދި ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ހިމެނޭ ފަސް ސަތޭކަ ފަންސާސް ހައިޖީން ކިޓްސް އެކިފަރާތްތަކަށް މިހާތަނަށް ފޯރުކޮށްދީފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ މި ފަންޑަށް ލިބޭ ފައިސާގެ 85 އިންސައްތަ ބޭނުންކުރަނީ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ކޮއްތު ހަމަޖައްސައިދިނުމަށްކަމަށެވެ. އަދި ފަންޑުގެ 10 އިންސައްތަ ހައިޖީން ޕްރޮމޯޝަންގެ ހަރަކާތްތަކަށް ޚާއްސަކޮށްފައިވާއިރު، އިދާރީ ޚަރަދުތަކަށް 5 އިންސައްތަ ބޭނުންކުރާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.