ކޯވިޑް-19

ކޯވިޑް-19 : ކޮންމެހެން ބޭސްފަރުވާއަށް ބޭރަށްދާންޖެހޭ 33 މީހަކު ފޮނުވޭތޯ މިދަނީ ބަލަމުން: އާސަންދަ


ރާއްޖޭން ބޭރަށް ޞިއްޙީ ފަރުވާ ހޯދުމަށް ކޮންމެހެން ދާންޖެހޭ 33 މީހެއް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ ބަލަމުންދާކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބައިނަލްޢަގްވާމީ ދަތުރުފަތުރުގެ ކަންކަން ހުއްޓިފައިވީނަމަވެސް، ބޭސްފަރުވާގެ ކަންކަމަށް ކޮންމެހެން ރާއްޖޭން ބޭރަށްދާންޖެހޭ މީހުންނަށް ރާއްޖޭން ބޭރަށް ފޮނުވާލުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ފޮރިންގ މިނިސްޓްރީ މެދުވެރިކޮށް ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ އިންޑިއާ އާއި ސްރިލަންކާގެ ސަރުކާރާއި ވާހަކަދައްކަމުންދާކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

މަރިޔަމް ޝަފީޤް ވިދާޅުވީ، މިގޮތަށް ރާއްޖޭން ބޭރަށް ދާންޖެހޭ ވަރަށް ގިނަ ޢަދަދެއްގެ މީހުން އެބަތިބިކަމަށެވެ. އެހެންނަމަވެސް މިހާރުގެ ޙާލަތަށް ބަލާ މިގޮތަށް ރާއްޖޭން ބޭރަށް ދިވެހިން ފޮނުވުމުގައި އެންމެ ބޮޑަށް ބަލާނީ މިވަގުތު ރާއްޖޭން ލިބެންނެތް ފަރުވާއެއް ހޯދުމަށް އަދި ކްރިޓިކަލް ޙާލަތުގައި ތިބި ދިވެހިންނަށްކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ. އެގޮތުން ރޭޑިއޭޝަންގެ ޚިދުމަތާއި، ކޮންމެހެން ހަދަންޖެހޭ އެކި ކަހަލަ ސަރޖަރީތައް ހެދުމަށް ބޭރަށް ދާންޖެހޭ ފަރާތްތަކަށް އިސްކަންދޭނެކަމަށާއި، މިގޮތުން ފާހަގަވި 33 ފަރާތެއް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން ފޮރިން މިނިސްޓްރީއާއި ގުޅިގެން އިންޑިއާއާއި ލަންކާގެ ސަރުކާރާއި ވާހަކަދައްކައިގެން، ދިވެހިންނަށް އެ ޤައުމުތަކަށްގޮސް ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ. މިގޮތަށް ފޮނުވާ މީހުންގެ ތެރޭގައިވެސް ބޮޑަށް އިސްކަންދޭނީ ކޮންމެހެން ރާއްޖޭން ބޭރަށްދާންޖެހޭ ފަދަ ކްރިޓިކަލް ޙާލަތުގައި ތިބި ދިވެހިންނަށް. މިގޮތަށް ފުރާނާލެވުނު 33 ދިވެއްސަކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މިދަނީ ބަލަމުން" މަރިޔަމް ޝަފީޤު ވިދާޅުވިއެވެ،

އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ތެރޭގައި، އެކުންފުނިން އާއްމު ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރުނާންނާނެހެން އޮންލައިންކޮށް ދެވޭނެ ޚިދުމަތްތައް އޮންލައިންކޮށް ދެމުންދާކަމަށެވެ. އަދި އާސަންދަ ކަސްޓަމަރ ސަރވިސް ސެންޓަރުގައި އެކުންފުނީގެ މުވައްޒަފުން ފުރަބަންދުގައި ތިބެގެންވެސް ޚިދުމަތްދެމުންދާކަމަށެވެ. އަދި ކުންފުނީގެ ޚިދުމަތްދެމުންދާ އުޞޫލުތަކަށް ބަދަލުތަކެއްގެނެސް، ބައެއްކަހަލަ ލުއިތައް ދީފައިވާކަން މަރިޔަމް ޝަފީޤް ފާހަގަކުރެއްވިއެވެ. އެގޮތުން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލާވެސް ފާމަސީތަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިދުވަސްވަރު އުފަންވާ ކުދިންގެ މަންމައިންގެ އައި.ޑީ ކާޑު ބޭނުންކޮށްގެން އެކުދިންގެ ޚިދުމަތްތައް ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.