ކޯވިޑް-19

ކޯވިޑް-19 : ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 406 އަކަށް އަރައިފި


ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 406 އަކަށް އަރައިފިއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮށްފަރެންސްގައި 401 މީހަކު ކޯވިޑް-19ގެ ބަލިން ރަނގަޅުވެފައިވާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ތަފާސް ހިސާބުތައް ހާމަކުރުމަށް ހެލްތް މިނިސްޓްރީން ޤާއިމުކޮށްފައިވާ ޑޭޝްބޯޑުގައިވާ މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ޢަދަދު މިހާރު ވަނީ 406 އަކަށް އިތުރުވެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 24.28 އިންސައްތައެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 5 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި 1259 މީހަކަށް މިވަގުތުވެސް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 12 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި މި ބައްޔަށް ޓެސްޓްކުރުމަށްޓަކާ މިހާތަނަށް ތޭވީސް ހާސް އަށް ސަތޭކައަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެން.އީ.އޯ.ސީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭން ކޯވިޑް-19 ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ގިނައީ ދިވެހިންގެއެވެ.