ތިމާވެށި

3 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 55.3 މިލިއަން ރުފިޔާ


ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 55.3 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި އަމިއްލަ ކުންފުންޏެއްކަމަށްވާ ކެޕިޓަލް އިންވެސްޓް އެންޑް ފިނޭންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އެވެ. ކެޕިޓަލް އިންވެސްޓްމެންޓް ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވާރާޖާ މަނިވަންނަން އެވެ. މިއެއްބަސްވުމުގެދަށުން ގޮނޑުދޮށް ހިމާޔަތްކުރެވެނީ ހދ. ކުޅުދުއްފުށްޓާއި ށ. ބިލެތްފައްސާއި ބ.ތުޅާދޫގެ މަސައްކަތެވެ. މިމަޝްރޫއާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ  މިތިންރަށުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ކުރިން ނިމިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ސޯޅަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކުރެވިފައިވާކަމަށާއި އޭގެ ތެރެއިން ދެ ރަށެއްގެ މަސައްކަތް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ނިމިގެންދާނެކަމަށެވެ.ހދ.ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ ގާތްގަނޑަކަށް 29 މިލިއަން ރުފިޔާގެ މަސައްކަތެއް އަދި 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި 710 މީޓަރު ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލެވިގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން މައުލޫމާތުދެއެވެ.ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އަދި 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ ދަށުން އެރަށުގައި 510 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލެވޭނެއެވެ.ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ގާތްގަނޑަކަށް ނުވަ މިލިއަން ރުފިޔާގެ މަސައްކަތެކެވެ. އަދި 200 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މިމަސައްކަތުގެ ދަށުން އެރަށުގައި 355 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓެއް ލެވޭނެއެވެ.