ޚަބަރު

4 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް 3 ކުންފުންޏަކާއި ހަވާލުކޮށްފި


  • ކުނި މެނޭޖް ކުރާ މަރުކަޒުތައް ގާއިމްކުރަނީ ކ. މާފުށި ކ. ތުލުސްދޫ، އދ. މަހިބަދޫ އދ. ހަންޏާމީދޫގައި

  • މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިހާރުވެސް ވަނީ ފޮނުވާފައި

4 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް 3 ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ.

މި މަސައްކަތުގެ ދަށުން ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 4 ރަށަކީ ކ.މާފުށްޓާއި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އާއި އދ. ހަންޏާމީދޫގައެއެވެ. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ފަށާފައިވާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކ. ތުލުސްދޫ އަދި ކ، މާފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި ދެރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 5.8 މިލިޔަން ރުފިޔާއަށެވެ. އަދި އދ. މަހިބަދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 4.2 މިލިޔަން ރުފިޔާއަށެވެ. މީގެ އިތުރުން އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުުރުމަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. 150 ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާއިރު އެ މަސައްކަތަށް 4.6 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ސާފުރާއްޖެ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތްތަކާއި ގުޅޭ އެއްބަސްވުންތަކުގައި ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މިހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ރަށުތެރޭގައި ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.