ވިޔަފާރި

ކޯވިޑް19 ފެސިލިޓީތަކަށް ސްޓެލްކޯއިން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި


ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ޤާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް ސްޓެލްކޯއިން މިހާތަނަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޤްނީ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ޤާއިމްކޮށްފައިވާ ފެސިލިޓީސްތަކަށް އެކުންފުނިން މިހާތަނަށް 5 މިލިއަން ރުފިޔާއާއި 6 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ޙަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޙަރަދުތައް ކޮށްފައިވާގޮތުގެ ތަފްސީލެއް މުޤްނީ ހިއްސާކޮށްފައެއް ނުވައެވެ.

ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް ދަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ޙަރަދުތަކެއް ކުރަމުންނެވެ. ސަރުކާރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުންވަނީ 866.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާގޮތުން، މިމަހުގެ 21ގެ ނިޔަލަށް ކޯވިޑް19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ސަރުކާރުން ބޭހާއި، ޓެސްޓް ކިޓު އަދި ޕީޕީއީ ގަތުމަށް ހޭދަކޮށްފައިވާ މިންވަރުވަނީ ކުރީ ހަފްތާއާއި އަޅާ ބަލާއިރު، 7.1 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ކަމަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ.