ކޯވިޑް-19

ރޭ ޕޮޒިޓިވް މީހުންގެ ތެރޭގައި 7 މަހުގެ ކުއްޖެއް

ރާއްޖެއިން އިތުރު 44 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ މި ބަލި ޖެހުނު މީހުންގެ އަދަދު 1591 އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި، 31 ބިދޭސީން ހިމެނޭ ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ 2 މީހުން ހިމެނެއެވެ. މިއާއެކު ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 1591 އަކަށް އަރާފައެވެ.

ރޭ ޕޮޒިޓިވް މީހުންގެ ތެރޭގައި 7 މަހުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެއްގެ އިތުރުން 92 އަހަރުގެ މީހަކު ހިމެނެއެވެ،

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެގޮތުން 1037 ބިދޭސީން ރާއްޖޭގައި ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 554 މީހުންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަންގްލަދޭޝް މީހުންގެ އަދަދު މިހާރުވަނީ 835 އަށް އިތުރުވެފައެވެ. ބަލިޖެހުނު އިންޑިއާއަށް ނިސްބަތްވާ މީހުންގެ އަދަދަކީ 517 އެވެ.

1500 އަށްވުރެ ގިނަމީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ. އަދި 5 މީހަކު ވަނީ ރާއްޖޭގައި މި ބަލީގައި މަރުވެފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަލޭގައި ކޯވިޑް-19 ފެތުރެންފެށުމާއެކު އިއުލާންކުރި ފުރަބަންދަށް އިއްޔެއިން ފެށިގެންވަނީ ލުއިތަކެއްދީފައެވެ.

ފުރަބަންދަށް ލުއިދިންނަމަވެސް ހުރިހާ ފަރާތްތަކުންވެސް ސިއްޙީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ކަމާއިގުޅޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.