ޚަބަރު

ރިސޯޓްތައް ހުޅުވާއިރު އިތުރު ލައިސަންސެއް ނަގާކަށް ނުޖެހޭނެ: ޓުއަރިޒަމް މިނިސްޓަރ


ޖުލައިމަހު ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުން އަންނައިރު އިތުުރު ލައިސަންސަކާއި ފީއެއް ދެއްކުމެއްނެތި، މަސައްކަތް ފެށުމުގެ ފުރުސަތު ހުރިހާ ރިސޯޓަކަށް ދޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް 19 ޕީއެސްއެމް ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓުއަރިޒަމަށް އަލުން ހުޅުވާލުމަށް ކުރިއަށްގެންދާ މަޝްވަރާގަައި، ރިސޯޓްތަކުގެ ޚިޔާލު ހޯދުމުގެ ފުރުސަތު މިރޭ 12:00 ޖެހުމާއި ހަމައަށް ހަމަވާނެކަމަށެވެ. މިހާތަނަށް އައިރު މިކަމާއި ގުޅޭ މަޝްވަރާތައް ރާއްޖޭގެ ފަތުރުވެރިކަމާއިގުޅޭ މަސައްކަތްތައް ކުރާ ކުންފުނިތަކާއިއެކު ވަނީ ކުރިއަށްގެންގޮސް ޚިޔާލު ހޯދާފައެވެ.

ޖުލައިމަހު ފަތުުވެރިކަން ހުޅުވާލަނީ ކަނޑައަޅާ ވަކި މިންގަނޑު ތަކެއްގެތެރެއިންނެވެ.

"މިހާރު ރިސޯޓަކުގެ ޚިޔާލު މިހޯދަނީ ގައިޑްލައިން އެކުލަވާލުމަށް. އެންމެން އެއްބަސްވާގޮތަށް މިނިވަން ސްޓޭންޑަރޑެއް އެކުލަވާލާނީ. ފަހު ޑްރާފްޓް ނިންމައި ރައީސް އޮފީހަށް ފޮނުވުމަށްފަހު ފައިނަލް ނިންމުމަކަށްދާނީ. އިތުރު ބޮޑު ޓެކްސްތަކެއް ނުހިމަނާނަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޚިދުމަތް އަލުން ފަށާއިރު ހުރިހާ ރިސޯޓްތަކާއި، އަދި ސަފާރީތަކަށްވެސް ޚިދުމަތް ދެވޭގޮތަށް މަޝްވަރާކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާރު ކަރަންޓީން އާއި އައިސޮލޭޝަންގެ ގޮތުގައި ބައެއް ރިސޯޓްތައް ބޭނުންކުރާތީ އެ ރިސޯޓްތަކާއި މެދު ޢަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް 26 ރިސޯޓް ދަނީ ކޯވިޑް 19އާއި ގުޅިގެން އައިސޮލޭޝަނާއި ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންނެވެ. މީގެތެރެއިން 3 މަސް ހަމަވެގެން ބައެއް ރިސޯޓްތައް ވަރަށް އަވަހަށް ދޫކޮށްލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަރާމާތުގެ މަސައްކަތްތައް ނިމުމުން މި ރިސޯޓްތަކުގެ ޚިދުމަތްވެސް ފެށޭނެކަމަށް މިިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ހުރިހާ ރިސޯޓްތައްވެސް ހުޅުވުމުގެ ފުރުސަތު ދޭނަން. އިތުރު ލައިސަންސެއް ފީއެއް ދޭކަށް ނުޖެހޭނެ. 3މަސް ހަމަވެގެން ބައެއް ރިސޯޓްތައް މިމަހު ދޫކޮށްލާނަން. އޮކްޓޯބަރަށް ހުރިހާ ރިސޯޓެއް އޮޕަރޭޓް ކުރެވޭނެކަމަށް ބަލަނީ." އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރިސޯޓްތައް ހުޅުވުމަށް މަސައްކަތްކުރިނަމަވެސް، މިކަމުގައި އެންމެފަހުގެ ނިންމުންތައް ނިންމާނީ ސިއްޙީ ލަފާދޭ ފަރާތްތަކުންކަމަށެވެ. ރިސޯޓްތައް ހުޅުވަން މަސައްކަތް ކުރަނީ އާއްމުނަން އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށްކަމުގައިވެސް މިނިސްޓަރ އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.