ޚަބަރު

އަޔަކްސްގެ ޑިފެންޑަރ ހަޓޯ ޗެލްސީއަށް


ނެދަލޭންޑްސްގެ އަޔަކްސް އެމްސްޓަޑަމް އަށް ކުޅެމުން އައި ޒުވާން ޑިފެންޑަރ ޖޮރެލް ހަޓޯ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ސޮއި ކޮށްފި އެވެ.

އުމުރުން 19 އަހަރުގެ ހަޓޯ ޗެލްސީ އަށް ސޮއި ކޮށްފައިވަނީ 37 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

އަޔަކްސްގެ އެކަޑެމީ އިން ފާހަގަ ކުރެވިގެންދިޔަ ހަޓޯ ވަނީ އަޔަކްސްގެ ސީނިއާ ޓީމަށް އުމުރުން އެންމެ 16 އަހަރުގައި ކުޅެން ފަށާފަ އެވެ. އުމުރުން އެންމެ 17 އަހަރުގައި އަޔަކްސްގެ ކެޕްޓަން ކަން ކޮށްފައިވާ ހަޓޯ ވަނީ އެ ޓީމަށް 111 މެޗު ކުޅެދީފަ އެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމަށް 2023 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހަޓޯ ކުޅެފައިވަނީ ޖިބްރޯލްޓާ އާއި ދެކޮޅަށެވެ. އަދި އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 6 މެޗު ކުޅެފަ އެވެ.

ޗެލްސީ އަށް ސޮއި ކުރުމަށްފަހު ހަޓޯ ބުނެފައިވަނީ މިއީ އޭނާއަށް ވަރަށް އުފާވެރި ވަގުތެއް ކަމަށެވެ.

"އަހަރެން ބޭނުންވީ އައު ޓީމާއިއެކު ތަފާތު ތަޖުރިބާއެއް ކުރަން އަދި މިއީ އެގޮތުން ލިބޭނެ އެންމެ ރަގަޅު އެއް ތަޖުރިބާކަމަށް ބަލަނީ. ޗެލްސީ އަކީ އަހަރެން ބޭނުންވާ ފެންވަރުގެ އެންމެ ރަގަޅު އެއް ކްލަބް." ހަޓޯ ބުނެޏެވެ.

ކުރިއަށް އޮތް ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ބަދަލުތަކެއް އެ ޓީމަށް ވަނީ ގެނެސްފަ އެވެ. އެގޮތުން ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ވިއްކާލުމަށްފަހު އައު ކުޅުންތެރިންތަކެއް ވަނީ ގެނެސްފަ އެވެ.

ނިމިގެންދިޔަ ފީފާ ކްލަބް ވޯލްޑްކަޕަށް އެ ޓީމަށް ގެނައި ކުޅުންތެރިންނާއިއެކު ހަޓޯ އަކީ ޗެލްސީ އަށް ގެންދިޔަ އަށްވަނަ ކުޅުންތެރިޔާ އެވެ. އޭގެ ތެރޭގައި ޖެމީ ގިޓެންސް, ޖޮއާއޯ ޕެޑްރޯ, ލިއާމް ޑެލަޕް, މަމަދޫ ސާ, އެސްޓެވާއޯ ވިލިއަންގެ އިތުރުން ޑާރިއޯ އެސޫގޯ ހިމެނެއެވެ.

ޗެލްސީ އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މި ކުޅުންތެރިން ހޯދުމަށް ޖުމްލަ 250 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ.