ކޯވިޑް-19

އަތުގެ ބަދަލުގައި ލިފްޓް އޮޕަރޭޓްކުރަންޖެހޭނީ ފައިން


މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރޭ ކޯވިޑް-19ގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

މަޖުބޫރުން ނަމަވެސް ކުރިން އުޅުނު ގޮތްތައް ދޫކޮށްލާ އައު އާއްމު ޙާލަތަކަށް ނުވަތަ ނިއު ނޯމަލްއަކަށް ތައްޔާރުވާންޖެހިފައެވެ. ޢިޖްތިމާޢީ ގައިދުރުކަން ބަހައްޓާ، އެކި ކަހަލަ ޚިދުމަތްތައް ހޯދުމުގައި އެކަކު އަނެކަކަށް ވީހާވެސް "ކޮންޓެކްޓް" މަދުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައެވެ. އެގޮތުން ތައިލެންޑުގެ ޝޮޕިންގ މޯލަކުން މިވަނީ އެތަނަށް ވިޔަފާރިކުރަންދާ އާއްމުންގެ ސަލާމަތަށްޓަކާއި ރައްކާތެރިކަމަށް ތަފާތު ކަމެއްކޮށްފައެވެ.

ތައިލެންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމާއެކު އެ ޤައުމުގެ ވެރިރަށް ބެންކޮކްގަައި ހުންނަ ޝޮޕިން މޯލެއްކަމަށްވާ ސީކޮން ސްކޮއަރއިން އެމީހުންގެ ކަސްޓަމަރުންނަށް މަރުޚަބާ ކީ ރައްކާތެރިކަމުގެ ގޮތުން ތަފާތު އުކުޅެއް ބޭނުންކޮށްގެންނެވެ. އެއީ އެ މޯލުގެ ލިފްޓްތަކުގައި ހުންނަ ފިއްތަކަށް އަތުން ފިތައް ނުޖެހޭ ގޮތަށް ބަދަލުކޮށްލުމެވެ. އޭގެ ބަދަލުގައި ލިފްޓް ބޜނުންކުރަން ދެން ޖެހޭނީ ފިއްތަކަށް ފައިން ފިތައިގެންނެވެ. ފިތްތަކުގެ ބަދަލުގައި ފިޔަވަޅު ގަނޑު ނުވަތަ "ފުޓް ޕެޑަލްސް" ހަރުކޮށްގެންނެވެ.

މިކަމުގެ ސަބަބުން ލިފްޓް ބޭނުންކުރުމަށް ކަސްޓަމަރުން އެމީހުންގެ އަތް ބޭނުންކޮށްގެން އެއްވެސް ފިތަކަށް އޮއްބާކަށް ނުޖެހެއެވެ. ބަދަލުގައި އެމީހެއްގެ ފައި ބޭނުންކޮށްގެން ފިޔަވަޅު ގަނޑަށް ފިއްތައިގެން ލިފްޓް އޮޕަރޭޓް ކުރެވޭނެއެވެ. ލިފްޓްތަކުގައި ފިޔަވަޅު ގަނޑު ހަރުކުރުމުގެ އިތުރުން، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން، ލިފްޓުގެ އެތޭރޭގައިވެސް "ސޯޝަލް ޑިސްޓެންސިން މާކްސް" ވަނީ ކުރަހާފައެވެ.

މިކަމާ ގުޅޭގޮތުން ސީކޮން ސްކޮއަރގެ ކަންކަން ބަލަހައްޓާ ސީކޮން ޑިވެލޮޕްމަންޓްގެ ނައިބު ރައީސް ޕްރޮޓޭ ސޮސޮތިކުލް ބުނީބ، މޯލްގެ ލިފްޓްތަކަށް ގެނައި މި ބަދަލާއެކު ކަސްޓަމަރުންގެ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސަައްލީއެއް ލިބިފައިވާކަމަށެވެ. އަދި މިކަން ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށެވެ.

"މި ބަލި އެންމެ ފަސޭހައިން އިންފެކްޓް ކުރާ އެއްގޮތަކީ ވައިރަހުން ތަޣައްރުވެފައިވާ ތަނެއްގައި އަތްލުމަށްފަހު މޫނުގައި އަތްކޭއްތުމުން. އެހެންވެ އަހަރުމެން ބޭނުންވީ މިތަނަށް ވިޔަފާރިކުރަން އަންނަ މީހުންނަށް ހޭންޑްސް ފްރީ، ފުޓް އޮޕަރޭޓެޑް އެލެވޭޓަރ ބަހައްޓައިދޭން. އޭރުންވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އެމީހުންގެ ހިތަށް ލިބިގެންދާނެތީ" ޕްރޮޓޭ ބުނިއެވެ.

ސީކޮން ސްކޮއަރއިން ހަމަޖެއްސި މި އިންތިޒާމަށް ގިނަ ބަޔަކު ދަނީ ތަޢުރީފުކުރަމުންނެވެ.

އުސް އިމާރާތްތަކަށް އަރާފޭބުމަށް ބަހައްޓާފައި ހުންނަ ލިފްޓްތައް އާއްމުގޮތެއްގައި އޮޕަރޭޓްކުރަން ޖެހެނީ ދާދި އެއްގޮތަކަށެވެ. ލިފްޓަށް އަރަން ޖެހޭނީ ބޭރުގައި އިންނަ ފިތަކަށް އޮއްބާލާށެވެ. ލިފްޓަށް އެރުމަށްފަހު ލިފްޓުގެ ދޮރުލައްޕާ ތިމާ ދާން ބޭނުންވާ ފަންގިފިލާއެއް ހިޔާރުކުރުމަށްވެސް ޖެހެނީ ފިތަކަށް އޮއްބާލާށެވެ.

މި ދެންނެވި ފިތްތަކަކީ ދުވާލެއްގެ މައްޗަށް އެތައްބައެއްގެ އަތާއި އިނގިލި ކޭއްތޭނެ ފިތްތަކަކެވެ. ޤަވާޢިދުން ސާފުކޮށް ނުބެލެހެއްޓޭނަމަ، މިފަދަ ފިތްތަކުގެ ސަބަބުންވެސް އެކަކު ގައިން އަނެކަކު ގަޔަށް އެކި ކަހަލަ ޖަރާސީމު ވާރުތަ ކުރުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް ސީކޮން ސްކޮއަރއިން ބޭނުންކުރި އިޖާދީ މި އުކުޅާއެކު އެ ފުރުޞަތު މިވަނީ ވަރަށް ބޮޑުތަން ކުޑަކޮށްދީފައެވެ.

ތައިލެންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ޤައުމުގެ ޝޮޕިން މޯލްތަކާއި، ޑިޕާޓްމަންޓް ސްޓޯރތައް އާއްމުންނަށް ވިޔަފާރިކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ ޤައުމުން 3000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 57 މީހުންވަނީ މި ބަލީގައި މަރުވެފައެވެ.