މުނިފޫހިފިލުވުން

އަކްޝޭގެ "ލަކްސްމީ ބޮމްބް" ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރަނީ


ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ވަރަށްވެސް ތަފާތު ރޯލަކުން ފެނިގެންދާ "ލަކްސްމީ ބޮމްބް" ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރުމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ނިންމައިފިއެވެ.

މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށް ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް "ލަކްސްމީ ބޮމްބް"އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ތަމަޅަ ފިލްމެއްކަމަށްވާ "ކަންޗަނާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ރަގްވާ ލައުރެންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާގޮތަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ފުރަބަންދާއެކު ފިލްމްގެ ޕްރޮމޯޝަނަލް ހުރިހާ މަސައްކަތްތަކެއްވެސް ވަނީ މަޑުޖެހިފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކާ ޙަވާލާދީ، ބޮލީވުޑްގެ ބައެއް ވެބްސައިޓުތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ފިލްމް ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލުމާމެދު ޓީމުގެ މެމްބަރުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް، މިހާރު ކަންކަން ހަމައަކަށް އެޅި، ޑިޖިޓަލް ޕްލެޓްފޯމެއްގައި ފިލްމް ރިލީޒްކުރުމާމެދު މެމްބަރުންގެ މެދުގައި އެއްގަލަކަށް އެރިފައިވާކަމަަށް ބުނެފައިވެއެވެ.

ޑިޖިޓަލް ޕްލެޓްފޯމެއްގައި މި ފިލްމް ރިލީޒްކުރުމަށް އަދި މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭއިރު، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް އަދި އެއްކޮށް ނުނިމޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"ލަކްސްމީ ބޮމްބް"ގެ ނުނިމި ހުރި މަސައްކަތްތައް ނިންމާލެވެން އަންނަނީ ކޯވިޑް-19ގެ ސަބަބުން އިންޑިއާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު ހަމަވުމަށްފަހުކަމުން، ފިލްމް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރާނެ ސީދާ ތާރީޚެއް ޕްރޮޑަކްޝަން ޓީމުން އަދި ހާމަކޮށްފައެއްނުވެއެވެ.

އިންޑިއާގައި ބޮޑެތި ފިލްމްތައް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ދެއްކުމުގެ ރައިޓްސް އާއްމުކޮށް ވިއްކަނީ 60 އާއި 70 ކްރޯޑް ރުޕީސްގެ އަގެއްގައެވެ. ނަމަވެސް މި ފިލްމް އެފަދަ ޕްލެޓްފޯމެއްގައި އެޅުވުމަށް ގާތްގަނޑަކަށް 125 ކްރޯޑް ރުޕީސްގެ އަގެއްގައި ވިއްކާލާނެކަމަށް ބެލެވެއެވެ. ސަބަބަކީ ފިލްމަށް ތިއަރިޓިކަލް ރިލީޒެއް ކައިރި މުސްތަޤުބަލެއްގައި ލިބޭނެކަމަށް ނުބެލެވޭތީއާއި، ފިލްމަށް ކުރި ޚަރަދު ފޫބެއްދޭން އޮތީ ބޮޑު އަގުގައި ވިއްކައިގެންކަމަަށްވާތީކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވެއެވެ.

މި ފިލްމުގައި އަކްޝޭގެ އިތުރުން ކިއާރާ އަދުވާނީ، ތުޝާރު ކަޕޫރު، ޝަރަދު ކެލްކަރް، ތަރުން އަރޯރާ އަދި އަޝްވަނީ ކަލްސޭކަރު މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި ޝޫޓިން ނިންމާލާފައިވަނީ މިއަރުގެ މާރިޗުމަހުގެ ތެރޭގައެވެ.