ވިޔަފާރި

ސީޝެލްސްއިން ކޯވިޑް ޖެހުނު ހުރިހާ އެންމެން ރަނގަޅުވެ، ފަތުރުވެރިކަމަށް އަލުން ހުޅުވާލަނީ


ކޯވިޑް-19 ކޮންޓްރޯލްކޮށް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސީޝެލްސް އަލުން ފަތުރުވެރިކަމަށް ހުޅުވާލާނެކަަމަށް އެޤައުމުން ބުނެފިއެވެ.

ސީޝެލްސް އަލުން ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައި މިވަނީ ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި 9 ހަފްތާ ވަންދެން އެކި ފިޔަވަޅުތައް އަޅާފައި އޮތުމަށް ފަހުއެވެ. އަދި މިވަގުތު އެޤައުމުގައި ކޯވިޑްގެ އެއްވެސް ކޭސްއެއް ނެތްކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިހާރު ޤައުމުގައި ކޯވިޑް-19 ޖެހިފައިވާ ހުރިހާ މީހުން އެކުގައި ރަނގަޅުވުމާއި ގުޅިގެން ސީޝެލްސްގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ލުއިކުރަން ފަށާފައެވެ. އަދި ޖޫން 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރުވަމުންދާކަމަށް ސީޝެލްސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިގޮތުން ފުރަތަމަ އެޤައުމަށް އައުމަށް ހުއްދަދޭނީ ޖެޓްތަކާއި ޗާޓަޑް ފްލައިޓްތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށެވެ. ކޮމާޝަލް ފްލައިޓްތައް ޤައުމަށް އޮޕަރޭޓްކުރުމަށް ހުއްދަދޭނީ ޖުލައި ނުވަތަ އޯގަސްޓްމަހުއެވެ.

ސީޝެލްސްގެ ކަމާބެހޭ ފަރާތްތަކުން ބުނީ ފަތުރުވެރިން އަލުން ގެންނަން ފަށާއިރު އަންނަ ފަތުުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. މިގޮތުން އަޅާ އެއް ފިޔަވަޅަކީ ކޮންމެ ފަތުވެރިއެއްވެސް ސީޝެލްސްއަށް އައުމުގެ 48 ގަޑިއިރު ކުރިން ކޯވިޑް-19 އަށް ޓެސްޓުކުރުން ލާޒިމްކުރުންކަމަށެވެ. އަދި ޤައުމަށް އަންނަ ފަތުރުވެރިން ރިޒޯޓުތަކަށް ފޮނުވާލުމުގެ ކުރިން އެއަރޕޯޓުގައި ރެޕިޑް ޓެސްޓިން ވެސް ހަދާނެއެވެ.

އަނެއްކޮޅުން ސީޝެލްސްއިން ބޭރުގައި ތިބި ޤައުމުގެ ރައްޔިތުން އަނބުރާ ގެނައުމުގައިވެސް ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ޤައުމުން ބޭރުން އަންނަ ކޮންމެ މީހެއް 14 ދުވަހަށް ދަނީ ކަރަންޓީންކުރަމުންނެވެ.

ސީޝެލްސްއިން ބުނީ އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، ފަތުުވެރިން އަލުން ގެންނަން ފެށިޔަސް ކަމަބެހޭ ފަރާތްތަކުން ތިބޭނީ ތައްޔާރީ ހާލަތެއްގައިކަމަށެވެ. އަދި އަލުން ކޯވިޑް-19 ކޭސްތައް ފެންނަށް ފަށައިފިއްޔާ އަޅާނެ ފިޔަވަޅުތައް އެކުލަވާލެވިފައިވާއިރު، އަލުން ފުރަބަންދުކޮށް، ބޯޑަރު ބަންދުކުރަންޖެހިއްޖެ ހާލަތުގައި ބަންދުކުރާނެކަމަށެވެ.

ޖަޒީރާ ޤައުމެއްކަމަށްވާ ސީޝެލްސްގައި ކޯވިޑް-19ގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ މާރޗްމަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު ސީޝެލްސްގެ ކަމާބެހޭ ފަރާތްތަކުން އެކި ފިޔަވަޅުތަކުން، އޭޕްރިލް 8 ގައި ޤައުމުގެ ބޯޑަރު ބަންދުކޮށް، ކޭސްތައް ޕީކްވިއިރު ރިކޯޑުކުރެވިފައިވަނީ މުޅި ޤައުމުން ޖުމްލަ 11 ކޭސްއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޖަޒީރާ ޤައުމެއް ކަމަށްވާ ސީޝެލްސްއަކީ 115 ރަށް އެކުލެވޭ، 1 ލައްކައަށްވުރެ މަދު އާބާދީއެއް އޮންނަ ޤައުމެކެވެ.