ޚަބަރު

ފަތުރުވެރިކަން އަލުން ފަށާއިރު ތިމާވެށި ރައްކާތެރިކޮށް، ދިވެހި މުވައްޒަފުން އިތުރުކުރެވޭނެ


ކޯވިޑް-19 އަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު ދިވެހި މުވައްޒަފުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމާއި ތިމާވެއްޓާއި ރައްކާތެރި އުސޫލުތައް ތަންފީޒުކުރުމަށް މަގުފަހިވެގެން ދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ކޮމަންވެލްތްގެ ދަ އިކޮނޮމިކްސް އޮފް ކޯވިޑް-19" އޮންލައިން ސެމިނާރގެ ދަށުން ބޭއްވި ފަތުރުވެރިކަމާއި، ދަރަނި އަދި ކާރިސީ ހިރާސް ބެލެހެއްޓުމާއި ގުޅޭގޮތުން ބައްދަލުވުމުގައި ވާހަކަދައްކަވަމުންްނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކޯވިޑް-19އަށްފަހު އަލުން ފަތުރުވެރިކަން ފަށާއިރު މިއީ ތިމާވެށި ރައްކާތެރިކޮށް މުސުމީ ބަދަލުތައް ހުއްޓުވުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި މިއީ ދިވެހި މުވައްޒަފުންނަށް އިތުރު ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށާއި ޖިންސީ ތަފާތުކުރުން ނައްތަލުމަށް ލިބިގެންދާ ފުރުސަތެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވަނީ މިބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުުރުވެރިކަމަށް އަސަރުކޮށް، އިޤްތިސާދީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.
އަދި ސަރުކާރުން ކޯވިޑް-19 އާއި ދެކޮޅަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލްކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަން މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން އިޤްތިސާދީގޮތުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލާ ތައްޔާރުކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބަައްދަލުވުމުގައި ދެއްކެވި ވާހަކައިގައި މިނިސްޓަރ ވަނީ ފަތުރުވެރިކަން އަލުން ފެށުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، މިފަދަ ކަންކަމުން އަރައިގަތުމަށް ކޮމަންވެލްތް ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު، ކޮމަންވެލްތާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ރާއްޖެއަށް އެހީތެރިވުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން މަލްޓާގެ ކުރީގެ ބޮޑު ވަޒީރައި، ބާބަޑޮސްގެ ފިނޭންސް މިނިސްޓަރ، ނަމީބިއާގެ ޑެޕިއުޓީ ބޮޑުވަޒީރު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ކޯވިޑް-19 ގެ ސަބަބުން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މާލީ ގެއްލުމާއި، މިކަންކަމުގެ ސަބަބުން ޤައުމުތަކުން ކުރިމަތިލަމުންދާ އިޤްތިސާާދީ މައްސަލަތަކަށް ބަލާލައި ބައިވެރިން މަޝްވަރާކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތާގައި ޤުދުރަތީ އަދި އެހެނިހެން ކާރިސާތަކުން ޤައުމުުތަކުގެ އިޤްތިސާދު ބަރޯސާވާ މި ސިނާއަތް ރައްކަތެރިކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.