މުނިފޫހިފިލުވުން

ޑާކްރެއިންގެ "ނޮވެމްބަރ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި


ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަރޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމް "ނޮވެމްބަރ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މިއީ މި އަހަރު ޑާކްރެއިނުން ސިނަމާތަކަށް ގެނެސްދިނުމަށް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މި ފިލްމް ކުރިން އަޅުވާ ގޮތަށް އޮތީ މިއަހަރުގެ ޖުލަައި މަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން މި އަންނަ އަހަރަށް ފަސްކޮށްފައިވާކަން ޑާކްރެއިނުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވަނީ ޕޯސްޓެއްގައެވެ.

ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ޙާލަތުގައި އާއްމުންގެ ސަލާމަތަށް ވިސްނާ، ކަންކަން އާއްމު ޙާލަތަކަށްގޮސް، ސިނަމާތަކަށް ގޮސްގެން ފިލްމް ބެލޭނެފަދަ ރައްކާތެރި މާޙައުލެއް ކަށަވަރުވުމުން ނޫނީ ފިލްމު އަޅުވަން ބޭނުންނުވާތީކަމަަށް ޑާކްރެއިނުން ބުނެއެވެ. ފިލްމް ރިލީޒްކުރާނެ ސީދާ ވަކި ތާރީޚެއް ހާމަކޮށްފައިނުވިނަމަވެސް މި ފިލްމް ރިލީޒްކުރާނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައިކަމަށް ޑާކްރެއިންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް ކުޅެފައިވާ މި ފިލްމުގެ ލީޑް ރޯލު ކުޅެފައިވަނީ ޑާކްރެއިންގެ އެންމެ މަގްބޫލު ޖޯޑު ޖުމައްޔިލް ނިމާލާއި މަރިޔަމް މަޖުދާއެވެ. މި ދެތަރިންގެ އިތުރުން އައިޝަތު ޔާދާވެސް ކާސްޓުންގެ ތެރޭގައި ފެނިގެންދާނެކަމަށް ޑާކްރެއިން ބުނެއެވެ. އަދި މީގެއިތުރުން ފިލްމުގެ ޚާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރ މުސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނުވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދާއި އަހްމަދު ތޮލާލްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޝޫޓިން މާލެ އާއި އަތޮޅުތަކުގެ އިތުރުން ސިންގަޕޫރުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި ފިލްމުގެ މުހިންމު މަންޒަރުތައް، މާލެ ސިޓީ، ކ. ތުލުސްދޫ، ލ. އަތޮޅުގެ ފޮނަދޫ، ކައްދޫ އަދި މާންދޫގެ އިތުރުން އައްޑޫ ސިޓީ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނަގާފައިވެއެވެ. އަދި މި ފިލްމުގެ ޝޫޓިންގ މަންޓާ އެއަރގެ ފްލައިޓެއްގައިވެސް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

"ނޮވެމްބަރ"ގެ ޑައިރެކްޓަރަކީ މިހާރު ރާޢްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މުޙައްމަދު ޢަލީ (މޮގާ) އާއި އައިޝަތު ފުއާދެވެ.