ޚަބަރު

"ފުރަބަންދު ލުއިކުރާނީ އެހެން ޤައުމުތަކަށްވުރެ ގިނަ މަރުޙަލާތަކަކަށް ބަހާލައިގެން"


މާލެ ފުރަބަންދަށް ލުއިދޭނީ ބަލި އިތުރަށް ފެތުރުން ކުޑަކުރުމަށް އެހެން ޤައުމުތަކަށްވުރެ ގިނަ މަރުޙަލާތަކަކަށް ބަހާލައިގެންކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިފަދައިން ވިދާޅުވެފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް ނެތި މާބޮޑަށް ލުއިކޮށްފިނަމަ އަނެއްކާވެސް ކުއްލިއަކަށް ކޯވިޑް ފެތުރުމުގެ ބިރު ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ހަރުދަނާ ފިޔަވަޅުތަކެއް ނެތި ލޮކްޑައުން ލުއިކޮށްފިނަމަ ދެވަނަ ޕީކެއް އަންނާނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާކޮށްފައިވުމުން، މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ފުރަބަންދު ލުއި ކުރަނީ ރައްޔިތުންނަށް ނުރައްކާ އެންމެ ކުޑަވާނެ ޙާލަތުގައެވެ. ފުރަބަންދު އުވާލި ބައެއް ޤައުމުތަކުން ބަލި އަނެއްކާ ފެނި އަލުން ފުރަބަންދަށް ގޮސްފައިވަނީ، ހަރުދަނާ ފިޔަވަޅުތަކެއް ނެތި ފުރަބަންދުގެ ޙާލަތު މާއަވަހަށް ލުއިކުރުމުގެ ސަބަބުންކަމަށެވެ.

އެ ޤައުމުތަކުން މިސާލު ލިބިގަނެ ރާއްޖެއިން މި ގޯސް ނުހަދާނެކަމުގެ ޔަޤީންކަން މަބްރޫކް ވަނީ ދެއްވާފައެވެ. އެގޮތުން މާލެ ފުރަބަންދަށް ލުއިދޭނީ ބަލި އިތުރަށް ފެތުރުން ކުޑަކުރުމަށް އެހެން ޤައުމުތަކަށްވުރެ ގިނަ މަރުޙަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ކޮންމެ މަރުޙަލާއެއްވެސް އިތުރު ސްޓޭޖްތަކަކަށް ބަހާލާނެކަމަށް ވިދާޅުވިއެވެ. ފުރަބަންދަށް ލުއި ދިނުމުން ބަލީގެ ކޭސްތައް ގިނަވާނެކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، އަލުން ފިޔަވަޅުތަކަށް އެނބުރިދާނީ ވަކި މިންވަރަކަށް ބަލީގެ ކޭސްތައް އިތުރުވުމުން އެކަނިކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހުވެސް މި ބުނަމުން ދަނީ އަޅުގަނޑުމެން މިކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށް. ފުރަބަންދު އުވާލި ބައެއް ޤައުމުތަކުން ބަލި އަނެއްކާ ފެނި އަލުން ފުރަބަންދަށް ގޮސްފައިވަނީ، ހަރުދަނާ ފިޔަވަޅުތަކެއް ނެތި ފުރަބަންދުގެ ޙާލަތު މާއަވަހަށް ލުއިކުރުމުން. މި ސަބަބައްޓަކައި މާލެ ފުރަބަންދަށް ލުއިދޭނީ ބަލި އިތުރަށް ފެތުރުން ކުޑަކުރުމަށް އެހެން ޤައުމުތަކަށްވުރެ ގިނަ މަރުޙަލާތަކަކަށް ބަހާލައިގެން"

މަބްރޫކް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ޑޮކްޓަރ، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މި ދަނޑިވަޅުގައި ފުރަބަންދަށް ލުއި ދިނުމަށް ނިންމާފައިވަނީ މަޑުމަޑުން ލުއި ދިނުމަކީ އާންމު ޙާލަތަކަށް ދިއުމަށް އެންމެ އެކަށޭނަ މަގުކަމަށް ފެންނާތީކަމަށެވެ. މިހާރު ކުރެވުނު މަސައްކަތުން ރާއްޖޭގައި މިހާރު ފެންނަނީ މި ބަލީގެ ބޭސްލައިންގައި ފެންނާނެވަރުގެ ކޭސްތަކުގެ އަދަދުތައްކަމަށް ބެލެވޭކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ދަނީ ފުރަބަންދަށް ލުއި ދިނުމަށް އަމަލުކުރާނެ އުސޫލުތައް ފައިނަލައިޒްކުރަމުނެވެ. ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވީ އައު ޢާއްމު ޙާލަތުގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށާ، މިއުޞޫލް ތައްޔާރު ކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށްފަހު ކަމަށެވެ.

ކޯވިޑް-19ގެ ޙާލަތަށް ތައްޔާރުވުމުގެ ކުރިންވެސް ހޮސްިޕޓަލްތަކުން ދިޔައީ އެހެން އެތައް ބަލިތަކަކަށް ފަރުވާދެމުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އައު ޢާއްމު ޙާލަތުގައި ހޮސްޕިޓަލަށް ޑޮކްޓަރަށްދައްކަންދާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެކިއެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ ޢަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ލަފާ ކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އައު ޢާއްމު ޙާލަތުގައި ޢަމަލުކުރާ އުޞޫލްގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓލްއަށް ދާނެގޮތްތަކާއި ފުލޫ ކްލނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޯވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކަށާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.