ބައެއް ޤައުމުތަކުން ކޯވިޑް-19އަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ މެލޭރިއާ ބޭސް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންކުރުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ކޯވިޑް-19އަށް ފަރުވާކުރުމަށް މިހާތަނައް އައިރު ވަކި ބޭހެއް ނުވަތަ ވެކްސިނެއް އުފައްދާފައި ނުވިނަމަވެސް، މި ބަލީގެ ބައެއް ބަލި މީހުންނަށް ފަރުވާ ލިބޭކަމަށް ބަލައި ޑަބްލިއުއެޗްއޯގެ ސޮލިޑާރިޓީ ޓްރަޔަލްގައި މިހާތަނަށް އައީ ހައިޑްރޮކްސީ ކްލޮރޮކުއިން ބޭނުންކުރަމުންނެވެ.
ޑަބްލިއު އެޗްއޯއިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުމުގައި ވާހަކަދައްކަވަމުން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޯމް ގެބްރިއޯސުސް ވިދާޅުވީ، މެލޭރިއާއަށް ފަރުވާކުރުމަށް ބޭނުކުރާ ބޭސް ހައިޑްރޮކްސީކްލޮރޮކުއިން އެ ޖަމްޢިއްޔާއިން ހިންގާ ސޮލިޑާރިޓީ ޓްރައިލްގައި ބޭނުންކުރުން މިހާރު ވަގުތީގޮތުން ހުއްޓާލާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ބޭހުގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި މެނުވީ ބޭސް ބޭނުން ނުކުރުމަށްކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދަނީ މިވަގުތު ބޭހުގެ ރައްކާތެރިކަން މިނިވަން ބޯޑެއްކަމަށްވާ ޑޭޓާ ސޭފްޓީ މޮނިޓަރިން ބޯޑު މެދުވެރިކޮށް ރިވިއުކުރަމުންނެވެ. ޓެޑްރޯސް ވިދާޅުވީ މި ބޯޑުން މިހާރު މި ބޭސް ދެވިފައިވާ މީހުންނަށް ކުރި އަސަރުތައް ބަލާ ދިރާސާކުރުމަށް ފަހު މި ބޭހުގެ ރައްކާތެރިކަމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނެކަމަށެވެ.
ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންނުކުރުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަގުތީގޮތުން ހުއްޓާލާފައި މިވަނީ، ގިނަ އަދަދެއްގެ ދިރާސާތަކުން މި ބޭހުން ކޯވިޑްގެ ބަލި މީހުންނަށް ނުރައްކާކުރާކަމަށް ބުނެ ޚަބަރުތައް އާންމުވާން ފެށި ދަނޑިވަޅެއްގައެވެ. އެގޮތުން މެޑިކަލް ޖާރނަލް ލެންސެޓުންވެސް ދާދިފަހުން ވަނީ މި ބޭސް ބޭނުންކުރާ ކޯވިޑްގެ ބަލިމީހުންގެ ޙާލު ރަނގަޅު ނުވާކަމަށާއި، ބަލި ޙާލަތު ގޯސް ވާކަމަށް ބުނެފައެވެ.
ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ރާއްޖޭގައިވެސް ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންކުރަމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި ރާޢްޖެއަށް އިންޑިއާއިން ވަމުންދާ އެހީތަކުގެ ދަށުން ދާދިފަހުން އެޤައުމުންވެސް ވަނީ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ބޭސްގުޅަ ހަދިޔާކޮށްފައެވެ.