ޚަބަރު

ނިއު ނޯމަލްއަށް އެމްއޭސީއެލް އޮތީ ތައްޔާރަށް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިއު ނޯމަލްގެ ދަށުން ހިދުމަތްދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑަޓް، އެމްއޭސީއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ޤައުމުގެ ބޯޑަރު ހުޅުވާލައި، ރާއްޖޭގެ އެތެރޭގެ އަދި ރާއްޖެއިން ބޭރުން ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުމަށްޓަކައި އެމްއޭސީއެލްއިން ގިނަ ފިޔަވަޅުތަކެއް އަޅާ ތައްޔާރު ވެފައިވާކަމަށެވެ. އަދި މިފިޔަވަޅުތަކަކީ އެއަރޕޯޓުގެ ސްޓާފުންނާއި އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކެއްކަމަށެވެ.

އަރީފް ވިދާޅުވީ ނިއު ނޯމަލްގެ ދަށުން އެއަރޕޯޓު ހިންގާނެ ގޮތުގެ އުސޫލުތައް ތައްޔާރުކޮށް، ސްޓާފުންނަށް ބޭނުންވާ ތަމްރީން ދީފައިވާކަމަށެވެ. އަދި އެއަރޕޯޓުގެ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތަކަށް ބަދަލު ގެނެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ ކޯވިޑް-19 އަށް ވެކްސިނެއް ހޯދެންދެން ވީއައިއޭގެ ހިދުމަތްތައް ފޯރުކޮށްދެމުންދާނީ އެކުލަވާލެވިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، އެއިރެއްގެ ހާލަތަކާ އެންމެ ގުޅޭ ގޮތަށް ވަރަށް ބަލައިގެން ކަމަސެވެ.

މިގޮތުން ނިއު ނޯމަލްގައި އޮޕަރޭޝަންތައް ފަށާއިރު އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބެލުމާއި، ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަށް އަޅަމުންދާނެކަމަށް އަރީފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއަރޕޯޓުގެ ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ހަދުމަކޮށްދޭ ނިޝާންތައް ބިންމައްޗާއި އެހެން ތަންތާގައި ހަރުކުރެވިފައިވާނެކަމަށެވެ. ވައިރަސް ފެތުުރުން ކޮންޓްރޯލްކުރުމަށް އެޅިފައިވާ ފިޔަވަޅުތަކެއްގެ ގޮތުން ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕާޓީޝަންވެސް ޖަހާފައިވާކަމަށެވެ. މީގެއިތުރުން އެއަރޕޯޓުގެ އާންމު ތަންތަނާއި، ގޮޑި، މޭޒު، ބިންމަތި އަދި އެހެން ތަންތަންވެސް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް އާންމުޮށް ކުރާނެކަމަށެވެ.

މީގެއިތުރުން މިހާރުވެސް ރިޕަޓްރިއޭޝަން ފްލައިޓްތަކައި ކާގޯ ފްލައިޓްތައް އޮޕަރޭޓްކުރަނީ ވަކި އުސޫލުތަކެއް ދަށުން ކަަމަށެވެ. އަދި މިއިން ކޮންމެ ފްްލައިޓެއް އޮަޕަރޭޓްކުރުމުގެ ކުރިންވެސް ފަހުންވެސް އެއަރޕޯޓުގެ ހިދުމަތްދޭ ތަންތަން ޑީކޮންޓެމިނޭޓް ކުރާނޭކަމަށް އަރީފް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ޤައުމުގެ ބޯޑަރު ބަންދުކޮށް ވެލާނާ އިންޓަރނޭޝަަނަލް އެއަރޕޯޓުގެ އާންމު ހިދުމަތްތައް މެދުކަނޑާލިޔަސް ވީއައިއޭއިން ކޯވިޑް-19އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަކަން އަރީފް ފާހަގަކުރެއްވިއެވެ. މިކަމުގައި އެކުންފުނީގެ ސްޓާފުން ކުރަމުންދާ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ކޯވިޑް-19 ގެ ހާލަތު ރަގަނޅުވަމުންދާނަމަ ޖުލައިމަހު ބައިނަލްއަޤްވަމީ ފްލައިޓްތައް އޮޕަރޭޓްކުރަން ހުއްދަދިނުމަށެވެ.